މީރާއާ ހަވާލުވުމަށް ޒަރީރު ބީއެމްއެލްއިން އިސްތިއުފާ ދެއްވައިފި

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން އިސްތިއުފާދެއްވި ޗެއާޕާސަން ޙަސަން ޒަރީރު: އޭނާ އިސްތިއުފާ ދެއްވީ މީރާއާ ހަވާލުވުމަށް--

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ޙަސަން ޒަރީރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ބީއެމްއެލްއިން ބުނީ ޒަރީރު އިސްތިއުފާ ދެއްވާފައިވަނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އޭނާ އައްޔަންކުރުމަށް މި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ ގުޅިގެން ކަމަށެވެ.

ޒަރީރު، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ 25 މާޗު 2024 ގައި ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ބޭންކުގެ ބޯޑަށް އައްޔަންކުރުމަށް ނިންމުމާ ގުޅިގެންނެވެ.

ބޭންކުގެ ހިންގާ ގަވައިދުގައިވާ ގޮތުން ބޭންކުގެ ބޯޑު އެކުލެވިގެންވަނީ ސަރުކާރުން އައްޔަންކުރާ އަށް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ހޮވާ ތިން މެންބަރުންނާއެކު ޖުމްލަ 11 މެންބަރުންގެ މައްޗަށެވެ. ޒަރީރު ބޭންކުގެ ބޯޑުން އިސްތިއުފާ ދެއްވުމާއެކު، މިވަގުތު ބޭންކުގެ ބޯޑުގައި ތިއްބެވީ ޖުމްލަ ނުވަ ޑައިރެކްޓަރުންނެވެ. އެއީ ސަރުކާރުން އައްޔަން ކުރައްވާ ދެ މެންބަރުންގެ މަގާމު ހުސްވުމާ ގުޅިގެންނެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ އަމާޒަކީ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަންކުރުމަށް އަންނަ ޖުލައި މަހު ތެރޭގައި ހާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބޭއްވުން ކަމަށެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

ޓެކްސް ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި މަގާމަށް ކުރިމަތިލީ މެންބަރުންގެ ތެރެއިން މަގާމުގެ ޝަރުތު ހަމަވާ މެންބަރުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ތަރުތީބުން މަޖިލީހަށް ނަންތައް ފޮނުއްވީ މާޗު މަހުގެ 13ވަނަ ދުވަހުއެވެ.

އެގޮތުން، ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރަން ފޮނުއްވާފައިވަނީ ކުރީގެ ޓެކްސް ކޮމިޝަނަރު ޔަޒީދު މުހައްމަދުގެ އިތުރުން، އޭރު ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި ޒަރީރެވެ.

މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީން ޔަޒީދަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ. އަދި، ޒަރީރަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

comment ކޮމެންޓް