ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކުން ދައުލަތެއް ނުއުފެދޭ، މަޝްވަރާ ކުރަންޖެހޭ: ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން -- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ފަލަސްތީނު ދައުލަތް ބަލައިގަތުމުން އަދި ދައުލަތެއް ނުއުފެދޭނެ ކަމަށާއި އެކަން ކުރެވޭނީ މަޝްވަރާކޮށްގެން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ގަބޫލުކުރައްވާ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

ވައިޓް ހައުސްއިން އެގޮތަށް ބުނުމަކީ ފަލަސްތީނު ދައުލަތް ބަލައިގަންނަ ކަމަށް ވިލާތުގެ ތިން ގައުމު ކަމަށްވާ، އަޔަލޭންޑާއި، ސްޕެއިން އަދި ނޯވޭ އިއުލާނުކުރުމާ ގުޅިގެން އެމެރިކާއިން މާޔޫސްވެފައިވާކަމުގެ އިޝާރާތެކެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުޝީރު ޖޭކް ސުލިވާން ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމާ މެދު ކޮންމެ ގައުމަކުން ވެސް އަމިއްލައަށް ނިންމުމެއް ނިންމޭނެއެވެ. ނަމަވެސް، ބައިޑަން ދެކިލައްވާ ގޮތުގައި ޕާޓީތަކުން ސީދާ މަޝްވަރާކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ސުލިވާން ވިދާޅުވިއެވެ.

"ރައީސް ބައިޑަން ގަބޫލުކުރައްވާ ގޮތުގައި އިސްރާއީލުގެ ސަލާމަތާއި އަދި ފަލަސްތީނުގެ ރައްޔިތުންނަށް ކަރާމާތާއި ރައްކާތެރިކަމުގެ މުސްތަގުބަލެއް ކަށަވަރުކޮށްދޭ ދެ ދައުލަތުގެ ހައްލު ނުވަތަ ޓޫ ސްޓޭޓް ސޮލިއުޝަން އަކީ ސަރަހައްދުގެ އެންމެންނަށް ދިގު މުއްދަތުގެ ސަލާމަތާއި ހަމަޖެހުން ގެނައުމަށް އެންމެ ރަނގަޅު ގޮތް،" ސުލިވާން ވިދާޅުވިއެވެ.

ނަމަވެސް، ފަލަސްތީނުގެ އޮތޯރިޓީ (ޕީއޭ)އިން ވެރިކަންކުރާ ހުޅަނގު އައްސޭރި ހިމެނޭ ފަލަސްތީނުގެ ދައުލަތަކާ އެކު އިސްރާއީލާއި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާ އެކު، "ދެ ދައުލަތުގެ ހައްލެއް" ހޯދުމަށް އެމެރިކާގެ ދިގު ޒަމާންތަކެއް ވަންދެން ކުރި މަސައްކަތް މިހާތަނަށް ވެސް އޮތީ ނާކާމިޔާބުވެފައެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 35،700 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އިސްރާއީލުގެ ފައުޖުތަކުން މިހާރު ދަނީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހްއަށް ހަމަލާދެމުންނެވެ. ހަމާސް ނައްތައިލުމަށް ކަމަށް ބުނެ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދޭން ފެށި ފަހުން ފަލަސްތީނުގެ ލައްކައެއްހާ މީހުން ރަފަހްއިން ފިލައިގެން ގޮސްފައިވާއިރު، ޣައްޒާއަށް އެހީއަށް ވަދެވޭނެ މައިގަނޑު މަގުތައް އިސްރާއީލުން ވަނީ ބަންދުކޮށްފައެވެ.

comment ކޮމެންޓް