އަޖޭގެ ފިލްމު އެމޭޒަންއަށް

މިދިޔަ އޭޕްރިލް މަހުގެ 10ގައި ސިނަމާތަކުގައި ރިލީޒްކުރި އަޖޭ ދޭވްގަން ލީޑް ރޯލް ކުޅެފައިވާ ފިލްމު "މައިދާން" އެމޭޒަން ޕްރައިމް ވީޑިއޯގައި ޕްރިމިއާކޮށްފިއެވެ.

ތިއޭޓަރުތަކުގައި 42 ދުވަސް ވަންދެން ދެއްކުމަށް ފަހު އެމޭޒަން ޕްރައިމްގައި "މައިދާން" ޕްރިމިއަކުރި ނަމަވެސް ބެލުންތެރިންނަށް ފިލްމު އަދި ބަލާލެވޭނީ 349 ރުޕީސް (65 ދިވެހި ރުފިޔާ) ދެއްކުމަށް ފަހު އެވެ.

އަމިތު ޝަރުމާ ޑައިރެކްޓްކޮށް، ބޮނީ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ކުޑަ އަގެއްގައި ކުއްޔަށް ނެގުމަށްފަހު 30 ދުވަސް ވަންދެން ފިލްމު ބެލުމުގެ ފުރުސަތު ބެލުންތެރިންނަށް ލިބޭނެއެވެ. އާއްމުގޮތެއްގައި އެމޭޒަން ޕްރައިމްގައި ކުއްޔަށް ދޫކުރާ ފިލްމުތައް ހިލޭ ބެލުމުގެ ފުރުސަތު ވަރަށް އަވަހަށް އޯޑިއަންސަށް ހުޅުވާލާއިރު ކައިރި މުސްތަޤުބަލެއްގައި މި ފިލްމު ވެސް ހިލޭ ބަލާލުމުގެ ފުރުސަތު ބެލުންތެރިންނަށް ލިބޭނެއެވެ.

އަޖޭ ލީޑް ރޯލް ކުޅޭ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ"ގެ ބަތަލާ ތައްބޫއާ އެކު--ފޮޓޯ/ޕިންކްވިލާ

ފިލްމު "މައިދާން" އަކީ، މި އަހަރު ރިލީޒްކުރި އަޖޭ ދޭވްގަންގެ ދެވަނަ ފިލްމެވެ. މި ފިލްމަކީ، އިންޑިއާގެ ކުރީގެ ފުޓްބޯޅަ ކޯޗު ސައީދު އަބްދުލް ރަހްމާންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާއެކެވެ. އަޖޭއާ އެކު ފިލްމުން ފެންނާނެ އިތުރު ތަރިންގެ ތެރޭ ބަތަލާ ޕްރިޔާމަނީ، ގަޖްރާޖް ރާއޯ އަދި ރުދްރަނިލް ގޯޝް ހިމެނެއެވެ.

އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ފިލްމަކީ ވަރަށް ބޮޑު ބަޖެޓަކުން އުފެއްދި ފިލްމެކެވެ. ނަމަވެސް، މިހާތަނަށް ބޮކްސް އޮފީހުގައި ފިލްމަށް މާ ބޮޑު އާމްދަނީއެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން ފިލްމު ޑިޖިޓަލް ޕްލެޓްފޯމަށް ވިއްކާލައިގެން ފިލްމަށް ކުރި ޚަރަދު ފޫބެއްދުމުގެ ފުރުސަތު އެބައޮތް ކަމަށް ކްރިޓިކުން ވަނީ ބުނެފައެވެ.

އަޖޭ ދޭވްގަން މި އަހަރު ތިން ފިލްމެއްގެ މަސައްކަތް ފަށާފައުވާއިރު ދެން އެންމެ އަވަހަށް އެކްޓަރު ފެންނާނީ މި އަހަރުގެ ޖުލައި މަހުގެ ފަހެއްގައި ރިލީޒްކުރުމަށް ތާވަލުކުރެވިފައިވާ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ"އިންނެވެ. އެއަށް ފަހު ބެލުންތެރިން އެންމެ ބޮޑު އިންތިޒާރެއް ކުރަމުން އަންނަ ފިލްމު "ސިންގްހަމް އަގެއިން"އިން މި އަހަރުގެ އޮކްޓޯބަރު މަހު އަޖޭ ފެންނާނެއެވެ.

comment ކޮމެންޓް