ޑެޕިއުޓީ މިނިސްޓަރު ވަޖުދީ ވެސް ސަސްޕެންޑުކޮށްފި

ސަސްޕެންޑުކުރި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސައީދު މޫސާ ވަޖުދީ--

ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސައީދު މޫސާ ވަޖުދީ މަގާމުން ސަސްޕެންޑްކޮށްފިއެވެ.

ވަޖުދީ ވަނީ 'ސަން'އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ ސަސްޕެންޑްކޮށްފައި ވަނީ އޭނާއާ ގުޅޭ ގޮތުން ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލު ހިއްސާކުރައްވާފައެއް ނުވެއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ތަޖުރިބާކާރު ވަޖުދީ ވަނީ ހަވީރު ނޫހުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި، ފޮތްތަކެއް ވެސް ޝާއިއުކުރައްވާފައެވެ. އޭނާއަށް 2009 ވަނަ އަހަރު، ޚަބަރާއި މައުލޫމާތު ފެތުރުވުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދީފައިވެއެވެ.

ވަޖުދީ ސަސްޕެންޑު ކޮށްފައިވާއިރު، ސުލޫކީ މިންގަނޑާ ޚިލާފުވި ކަމަށް ބުނެ މިއަދު ވަނީ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒް ވެސް ސަސްޕެންޑުކޮށްފައެވެ.

ޝިފާޒު ސަސްޕެންޑުކުރިކަން ޔަގީކޮށްދެމުން އެ މިނިސްޓްރީން ބުނީ ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުން އަމަލުކުރަންޖެހޭ ވަކި ގަވާއިދެއް އޮންނަ ކަމަށާއި ގޭގައި މަޑުކުރަން އެންގީ އެ ގަވާއިދާ ޚިލާފުވުމުން ކަމަށެވެ.

https://sun.mv/192291

ދެ ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑުކުރިއިރު ވެސް އެއީ ސީދާ ކޮން މައްސަލައަކާ ގުޅިގެން އެޅި ފިޔަވަޅެއް ކަމެއް ޔަގީނެއް ނުވެއެވެ. އަދި، އޭނާ ސަސްޕެންޑުކުރީ މުސާރަ ލިބޭ ގޮތަށް ނުވަތަ ނޫން ކަމެއް ވެސް އަދި ސާފުވެފައެއް ނުވެއެވެ.

މީގެ ކުރިން، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކުރި މައްސަލައިގައި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އެއީ، މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއާއި އަބްދުﷲ މަހްޒޫމް މާޖިދެވެ.

އެ ތިން ޑެޕިއުޓީ މިނިސްޓަރުން އަދިވެސް ތިބީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޑުކޮށްފައި ގޭގައެވެ.

comment ކޮމެންޓް