ސުލޫކީ މިންގަނޑާ ހިލާފުވުމުން ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑުކޮށްފި

ސަސްޕެންޑު ކުރި ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒް---

ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒް މިއަދު ސަސްޕެންޑުކޮށްފިއެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު 'ސަން'އަށް ވަނީ ޝިފާޒް ސަސްޕެންޑުކުރިކަން ޔަގީންކޮށްދީފައެވެ. އޭނާ ވިދާޅުވީ، ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުން އަމަލުކުރަންޖެހޭ ވަކި ގަވާއިދެއް އޮންނަ ކަމަށާއި ގޭގައި މަޑުކޮށްލަން އެންގީ އެ ގަވާއިދާ ހިލާފުވުމުން ކަމަށެވެ.

އެކަމަކު، އެއީ ސީދާ ކޮން މައްސަލައަކާ ގުޅިގެން އެޅި ފިޔަވަޅެއް ކަމެއް ނުބުނެއެވެ. އަދި، އޭނާ ސަސްޕެންޑުކުރީ މުސާރަ ލިބޭ ގޮތަށް ނުވަތަ ނޫން ކަމެއް ވެސް އަދި ސާފުވެފައެއް ނުވެއެވެ.

ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑުކުރީއިރު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރި މައްސަލައިގައި މީގެ ކުރިން ވަނީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ވެސް ސަސްޕެންޑުކޮށްފައެވެ. އެއީ، މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއާއި އަބްދުﷲ މަހްޒޫމް މާޖިދެވެ.

އެ ތިން ޑެޕިއުޓީ މިނިސްޓަރުން އަދިވެސް ތިބީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޑުކޮށްފައި ގޭގައެވެ.

comment ކޮމެންޓް