ރޯބޯމޭންގެ ކުޑައިރުގެ ރޯލަށް އޮޑިޝަން ހުޅުވާލައިފި

ފުލުހުން އިންތިޒާމުކޮށްގެން ބޭއްވި ކުޑަކުދިންގެ ހަރަކާތެއްގައި ރޮބޯމޭން -- ފޮޓޯ/ ފުލުހުން

ކުޑަކުދިން ހެއްވާލާ އެ ކުދިންނަށް އުފާވެރިކަން ގެނުވާ ދިވެހި ކެރެކްޓަރު "ރޯބޯމޭން"އަށް ބިނާކޮށް ތައްޔާރުކުރާ ފިލްމުގެ ލީޑް ރޯލަށް އޮޑިޝަނަށް ހުޅުވާލައިފިއެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ދިމާކޮށް ރާއްޖޭގެ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ "އޯކޭއިކްޒް"އިން ވަނީ ރޯބޯމޭންގެ ފިލްމެއް އުފައްދާނެ ކަމަށް އިއުލާނުކޮށްފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮޑިޝަން ފަށާފައިވަނީ ރޯބޯމޭން ކުޑައިރުގެ ރޯލް ކުޅެދޭނެ އެކްޓަރެއް ހޯދުމަށެވެ. އެގޮތުން، 13 އަހަރާއި 17 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ވެސް އެ ރޯލަށް އޮޑިޝަން ދެވޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

އޮޑިޝަނަށް ހޮވުމުގެ ކުރީން ކޮންމެ ކެންޑިޑޭޓަކު ވެސް އޮޑިޝަން ޓޭޕް ހުށަހެޅުމަށް ވަނީ ހުޅުވާލަފައެވެ. ފުރަތަމަ ވީޑިއޯއަކަށް ވާނީ 30 ސިކުންތަށް ވުރެ ދިގު ނޫން އޯޑިއޯއަކަށް ނަށާ މަންޒަރެވެ. އަދި، އެއަށް ފަހު ހިމެނެނީ ޕްރޮޑަކްޝަން ޓީމުން ހަމަޖައްސާފައިވާ ޑައިލޮގެއް އޭގައި އެ ބުނާ އަސަރާ އެކު ހުށަހެޅުމަށެވެ. އެންމެ ފަހު ވީޑިއޯއަކަށް ހިމެނެނީ ބާލީހެއް ކޮނޑަށް ލައިގެން ހިނގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެކެވެ.

މި ވީޑިއޯތައް ފޮނުވައި މިއިން އެންމެ ކަމުދާ ވީޑިއޯއެއް ހިމެނޭ ކުއްޖަކު ރޯބޯމޭން ކުޑައިރުގެ ރޯލު ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ރޯލަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހަފުތާ އަންގާރަ ދުވަހެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދަން ނިންމާފައިވާ "ރޮބޯމޭން"ގެ ޑައިރެކްޓަރުންނަކީ މުހައްމަދު މުންތަސިރު (މުންކޮ)އާއި މަޝްހޫރު ކެމެރާމަން އިބްރާހީމް ވިޝާމް (ކަނޑި)އެވެ.

ފިލްމުގެ ޝޫޓިން ކުރިއަށް ދާނީ މާލެއާއި ހުޅުމާލޭގައެވެ. އަދި، ޝޫޓިންގެ މަސައްކަތް ނިންމާލައި މި އަހަރުގެ ތެރޭގައި ފިލްމު އެޅުވުމަށް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި އުފެދުނު އެންޓަޓެއިނާ ރޯބޯމޭން އެންމެ ފުރަތަމަ މަސައްކަތް ފެށީ ފިހާރަތަކުގެ ވިޔަފާރި ރަނގަޅު ކުރުމަށް ޕްރޮމޯޝަން ދޭ ކެރެކްޓަރެއްގެ ގޮތުގައެވެ. އޭނާގެ މަގުބޫލުކަން އިތުރުވެ، ކުޑަކުދިންގެ ޝޯއެއް ފުރަތަމަ ފަހަރަށް ރޯބޯމޭން ދީފައިވަނީ 2015 ވަނަ އަހަރެވެ. އެއަށް ފަހު ރޯބޯމޭން ވަނީ އެކި ކަހަލަ އިވެންޓުތަކާއި ހަރަކާތްތަކުގެ ބައިވެރިވެ އާންމުން މުނިފޫހިފިލުވައިދީފައެވެ.

comment ކޮމެންޓް