ދިރާގުން މަމްސް ޖަމިއްޔާގެ 'ބެކް ޓު ސްކޫލު' ޕްރޮގްރާމަށް އެހީވެއްޖެ

ދިރާގުން މަމްސް އެއިޑުގެ "ބެކް ޓު ސްކޫލް 2024" ޕްރޮގްރާމަށް ވަނީ އެހީ ފޯރުކޮށްދީފައި -- ފޮޓޯ/ ދިރާގު

މުޖުތަމަޢުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މަމްސް އެއިޑްގެ 'ބެކް ޓު ސްކޫލް 2024' ޕްރޮގްރާމުގައި ދިރާގުން މިއަދު ބައިވެރިވެއްޖެއެވެ.

ދިރާގުން ބުނީ، މި ޕްރޮޖެކްޓުގެ މައިގަނޑު މަގުޞަދަކީ ދިރާސީ އަހަރު ފެށޭއިރު މުޖުތަމަޢުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކުގެ ތެރެއިން ޚާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުން ކަމަށެވެ.

މިގޮތުން، އެ މައިންގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ފަރާތްތައް ވެސް ހިމެނޭ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

'ބެކްޓު ސްކޫލް 2024' ޕޮރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް ކުދިންނަށް ބޭނުންވާ ބޫޓާއި، އިސްޓާކީނާއި ދަބަހާއި ޔުނީފޯމް ސެޓްގެ އިތުރުން ސްޓޭޝަނަރީ ފޯރުކޮށްދޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ ޕްރީ ސުކޫލް ލެވެލްގެ ދަރިވަރުންނަށް އެ ތަކެތި ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި، މި ޕާޓްނާޝިޕްގެ މަގުސަދަކީ އެ އާއިލާތަކަށް އެއްބާރުލުން ދިނުމާއި ޚާއްސަކޮށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ މައިންނަަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުން ކަމަށް ދިރާގުން ބުނެއެވެ.

comment ކޮމެންޓް