'ދަނޑުވެރި މަންފާ'ގެ ނަމުގައި އެހީގެ ސްކީމެއް، އަންނަ މަހު ހުޅުވާލަނީ

ސްކީމް ތައާރަފްކުރުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް

ދަނޑުވެރިންނާއި ދަނޑުވެރިކަން ކުރިއަރުވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން 'ދަނޑުވެރި މަންފާ' ނަމުގައި މެޗިން ގްރާންޓު ސްކީމެއް މިއަދު ތައާރަފުކޮށްފިއެވެ.

މިއީ އެގްރިކަލްޗާ މިނިސްޓްރީއާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑެވޮލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ކުރިއަށްގެންދާ 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމެކެވެ.

އެ ސްކީމް ތައާރަފުކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގްރިކަލްޗާ މިނިސްޓްރީގެ ޕްރޮޖެކްޓް ޑިރެކްޓަރު ޝަފާނާ ރަޝީދު ވިދާޅުވީ، ދަނޑުވެރިން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ނިޔަލަށް ފުރުސަތު ދީފައިވާ ކަމަށެވެ.

އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސްކީމަށް ހުށަހެޅޭނެ ކަމަށާއި ސްކީމަށް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް ޝަފާނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވީ، އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނިގެން ކުރާ މަސައްކަތްތަކުގެ ތެރޭގައި ދަނޑުވެރިންނަށް ފައިދާވާނެ ގޮތަށް ކަންކަން މަގުފަހިކޮށްދިނުމަކީ ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް

ދަނޑުވެރި މަންފާ ސްކީމް އަމާޒުކުރެވެނީ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުން ހޮވާލެވިފައިވާ 26 ރަށުގެ ދަނޑުވެރިންނާއި އެ ކަމުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ކަމަށް މިނިސްޓަރު ރަމީލާ ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މި ސްކީމްގެ ފުރަތަމަ ބުރުގެ ތެރޭގައި ހުޅުވައިލާނީ ހަމައެކަނި ދަނޑުވެރި ތަކެތި އުފެއްދުމަށް ކަމަށެވެ. އޭގެ ތެރޭގައި، ގްރީން ހައުސް އިންސްޓޯލްކުރުމާއި ހައިޑްރޯނިކް ސިސްޓަމްތައް ނުވަތަ ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ.

ސްކީމްގެ އިތުރު ބުރުތައް ވެސް ކުރިއަށްދާނެކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ދަނޑުވެރިކަމަށް ބޭނުންވާ ކާނާއާއި އެހެން ތަކެތި ސަޕްލައިކޮށްދިނުމަށާއި ކޯލްޑް ސްޓޯރޭޖް ފަދަ ކަންތައްތައް ގާއިމުކުރުމަށް ކުރިއަށް ހުރި ބުރުތަކުގައި ފުރުސަތު ދޭނެ ކަމަށެވެ.

އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް

"މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމް މެޕަކީ އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވާ އަންހެނުންނާއި ޒުވާނުން ދަނޑުވެރިކަމުގެ މަސައްކަތަށް އަހުލުވެރިކުރުވާ ޕްރޮގްރާމަކަށްވުމުން، މި ސްކީމަށް ހުށަހެޅޭ އެޕްލިކޭޝަންތައް ވަޒަންކުރުމުގައި އަޅުގަނޑުމެން އަންހެނުންނާއި ޒުވާނުންނަށް ޚާއްސަ އިސްކަމެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމަކީ އެގްރިކަލްޗާ މިނިސްޓްރީއާއި އިފާޑް ގުޅިގެން ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެގޮތުން، މި ޕްރޮގްރާމްގައި ހިމެނޭ ރަށްތަކުގައި އެ ރަށެއްގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާމާ ފޯރަމްތަކެއް ގާއިމުކޮށް، އެ ފަރާތްތަކަށް ދަނޑުވެރިކަމާ ގުޅުންހުރި މައުލޫމާތާއި ތަމުރީނުތަކުގެ އިތުރުން މާލީ އެހީތެރިކަން ވެސް ފޯރުކޮށްދެމުން އަންނަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް