ފަލަސްތީނު ދައުލަތް އަޔަލޭންޑުން ބަލައިގަންނަނީ

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ ބޭރުގައި މުޒާހަރާ ކުރާ މީހުން ފަލަސްތީނުގެ ދިދައެއް ހިފައިގެން -- ފޮޓޯ/އިންގްލިޝް އަރަބިއާ

އަޔަލޭންޑް ސަރުކާރުން ފަލަސްތީނު ދައުލަތް ބަލައިގަންނަ ކަމަށް އިއުލާންކުރަން ނިންމައިފިއެވެ.

ވިލާތުގެ އިއްތިހާދު (އީޔޫ) މެންބަރު ގައުމެއް ކަމަށްވާ އަޔަލޭންޑުން އެކަން އިއުލާނުކުރަން ނިންމާފައިވާއިރު، އީޔޫގެ އެހެން ގައުމުތައް ކަމަށްވާ ސްޕެއިން، ސްލޮވޭނިއާ އަދި މަލްޓާއިން ވެސް ވަނީ ފަލަސްތީނު ދައުލަތް ބަލައިގަންނާނެ ކަމަށް ބުނެފައެވެ.

އަޔަލާލޭންޑުން އެގޮތަށް އިއުލާނުކޮށްފައިވަނީ އިސްރާއީލުން ޣައްޒާއަށްދޭ ހަމަލާތަކުގައި އެތައް ހާސް ބަޔަކު މަރުވެ، ހަނގުރާމަ ހުއްޓައިލުމަށާއި އެ ސަރަހައްދުގައި ސުލްހަ ދެމިއޮންނާނެ ހައްލެއް ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ގޮވާލަމުން އަންނަ ދަނޑިވަޅެއްގައެވެ.

އަޔަލާންޑުގެ އެ ނިންމުމަށް އިސްރާއީލުން ވަނީ ފާޑިކިޔައިފައެވެ. އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެކަމުގެ ސަބަބުން އެ ސަރަހައްދުގައި އިތުރު ނުތަނަވަސްކަން އުފެދި ސުލްހައަށް ނުރައްކާވާނެ ކަމަށެވެ.

ކުރިން 1988 ވަނަ އަހަރުން ފެށިގެން އދގެ 193 މެންބަރު ގައުމުގެ ތެރެއިން 139 ގައުމުން ވަނީ ފަލަސްތީނު ދައުލަތް ގަބޫލުކޮށްފައެވެ.

ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އޮކްޓޫބަރު ހަތްވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން ހަމާސް ނައްތައިލުމަށް ކަމަށްބުނެ އިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 35،500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެންނުނެވެ.

comment ކޮމެންޓް