ޣައްޒާއަށް ކަނޑުމަގުން އެހީ ފޯރުކޮށްދޭ ބޯޓުތައް ފުރައިފި

ޣައްޒާއަށް ކަނޑުމަގުން އެހީ ފޯރުކޮށްދިނުމަށް މީގެކުރިން ދަތުރުކުރަމުން ދިޔަ އާގު ބޯޓެއް -- ފޮޓޯ/އިންގްލިޝް އަރަބިއާ

ޣައްޒާއަށް ކަނޑު މަގުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެމެރިކާއާއި ފަރަންސޭސިވިލާތުގެ ހަތަރު ބޯޓަކުން ލާނާކާ ބަނދަރުން ޣައްޒާއަށް ދަތުރުކުރަމުންދާ ކަމަށް ސައިޕްރަސްއިން ބުނެފިއެވެ.

ރިޔާސީ ޕްރެސް އޮފީހުގެ ވިކްޓާ ޕަޕަޑޯޕޫލޯސް ދައުލަތުގެ ރޭޑިއޯއަށް ވިދާޅުވީ ސައިޕްރަސްއިން ޣައްޒާއަށް 1،000 ޓަނުގެ އެހީ ފޮނުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ އުޅަނދުތައް ދަތުރުކުރަމުން ދަނީ ޣައްޒާއާއި އިރުމަތީ މެޑިޓެރޭނިއަން ޖަޒީރާއާ ދެމެދު ކަމަށާއި އެއީ ގާތްގަނޑަކަށް 360 ކިލޯމީޓަރު (225 މޭލު) ދުރުމިން ކަމަށެވެ.

އިނގިރޭސިވިލާތާއި، ރޫމޭނިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އެމެރިކާ އަދި އެހެނިހެން ގައުމުތަކުން ގިނަ އަދަދެއްގެ އެހީ ޖަމާކުރި ކަމަށް ވެސް ސައިޕްރަސްއިން ބުނެއެވެ.

ސައިޕްރަސްއިން ފޮނުވާ އެހީތައް ޣައްޒާއަށް ވަންނަނީ އެމެރިކާއިން ހަދާފައިވާ ވަގުތީ ފްލޯޓިން ބަނދަރުންނެވެ.

މެއި މަހުގެ ކުރީކޮޅު އިސްރާއީލު ސިފައިން މިސްރާއި ޣައްޒާ ގުޅޭ ރަފަހު ސަރަހައްދީ ރޮނގު ކޮންޓްރޯލު ކުރުމުން ޓްރަކްތަކުން އެހީ ފޯރުކޮށްދިނުން ވަނީ ލަސްވެފައެވެ.

އިސްރާއީލުން ހަމާސްއާ ދެކޮޅަށް ދިން ބަދަލު ހިފުމުގެ ހަމަލާގައި ޣައްޒާގައި މަދުވެގެން 35،647 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ވެސް ގިނައީ އާންމުން ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް