އަބަދު ކަޅުސައި ބޯހިތްވަނީތަ؟

ކަޅު ސައި: މީރު ބުއިމަކަށް ވިޔަސް ސައި ބޯންވީ ވަކި މިންވަރަކަށް--ފޮޓޯ/ޕިންޓްރެސްޓް

ކޮފީއާ އެއްގޮތަށް ކަޅުސައި ވެސް އަބަދު ބޯހިތްވުމަކީ ވަރަށް ގިނަ ބައެއްގެ އާދައެކެވެ. އާދަޔާ ޚިލާފަށް ކަޅު ސައި މާ ގިނައިން ބޮވޭ ކަމަށްވާނަމަ ކޮންމެ ވެސް މިންވަރަކަށް އެކަން މަދުކޮށްލުމަކީ ހަށިގަނޑަށް އެކަމުން ލިބިދާނެ ގެއްލުމުން ސަލާމަތްވެވިދާނެ ކަމެކެވެ.

އާއްމު ގޮތެއްގައި ހެނދުނުގެ ނާސްތާ ކަޅުސައިތަށްޓަކުން އެއްބަޔަކު ފަށާއިރު އަނެއް ބަޔަކު ނުވަގަޑީގެ ކެއުން ފަށަން ކޮންމެހެން ވެސް ކަޅު ސައިތަށްޓެއް ބޭނުންވެއެވެ. ކަޅު ސަޔަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މަގުބޫލު ބުއިމަކަށްވާއިރު ކަޅު ސައި ތައްޔާރުކުރާ ސައިފަތަށް ލިބިފައިވާ މުއްސަނދި އެރޮމެޓިކް އަދި ތަފާތު އެކި ފްލެވާތަކުގެ ސަބަބުން ފަރަންސޭސިވިލާތް ފަދަ ޤައުމުތަކުގައި ވެސް ކަޅުސަޔަކީ ވަރަށް މަގުބޫލު ބުއިމެކެވެ.

ކަޅުސައިން ހަށިގަނޑަށް ފައިދާތަކެއް ލިބި މީހާ ތާޒާކޮށްލުމަށް މަގުފަހިކޮށްދިން ނަމަވެސް ދުވާލެއްގެ މައްޗަށް ބޮވޭ ކަޅުސައިގެ އަދަދު މާގިނަ ވެއްޖެނަމަ ދިރިއުޅުމަށް ނޭދެވޭ ބަދަލުތަކެއް އައުމުގެ ފުރުސަތު މަގުފަހިވެއެވެ. ކަޅުސަޔަކީ ވެސް ކެފެއިން އެކުލެވޭ ބުއިމަކަށްވާއިރު ކެފެއިންގެ ސަބަބުން ރޭގަނޑު ނިދަން އުނދަގޫވާ މީހެއް ނަމަ މުޅި ދުވަހު މާ ގިނައިން ކަޅުސައި ބޯން އެހާ ރަނގަޅެއް ނޫނެވެ. ޚާއްސަކޮށް ރޭގަނޑު އަވަހަށް ނިދަން ބޭނުންވާނަމަ ކަޅު ސައި ބޯން އެންމެ ރަނގަޅީ ހެނދުނުގެ ވަގުތުއެވެ.

ސަޔަކީ ކެފެއިން އެކުލެވޭ ބުއިމަކަށް ވުމުން މާގިނައިން ސައި ބޯނަމަ ރޭގަނޑު ނިދުމަށް އުނދަގޫވޭ--ފޮޓޯ/ޕިންޓްރެސްޓް

އެފަދަ މީހުން ސައިތަށްޓެއް ބޯހިތްވެއްޖެނަމަ ގްރީން ޓީއެއް ނުވަތަ އެހެން ވައްތަރެއްގެ ހާބަލް ސަޔެއް ބޯލެވިދާނެއެވެ.

މާ ގިނައިން ކަޅު ސައި ބޯނަމަ ދިމާވާ އިތުރު ކަންތައްތަކުގެ ތެރޭ ދަތްތަކުގެ ކުލަ ބަދަލުވުން އަދި ގޭސްޓްރިކް މައްސަލަ ހުންނަ މީހުން އަވަސް އަވަހަށް ގޭސްޓްރިކްވުމަށް މަގުފަހިކުރުވުން ހިމެނެއެވެ.

މީގެ އިތުރުން، މާބަނޑު ދުވަސްވަރު ވެސް މާ ގިނައިން ސައި ބުއިމަކީ އޭގެ ސަބަބުން ބަނޑުގައިވާ ދަރިފުޅު ލުއިވުން އަދި ބައިގެންދިއުން ފަދަ ކަންތައްތައް މެދުވެރިވެދާނެ ކަމެކެވެ.

ކަޅުސައި މާ ގިނައިން ބޯނަމަ ހަށިގަނޑަށް ގެއްލުން ލިބުނު ނަމަވެސް މިއީ ވަކި މިންވަރަކަށް ކޮންޓްރޯލްކޮށްގެން ބޭނުންކޮށްފިނަމަ އެކަމުގެ ފައިދާ ވެސް ހަށިގަނޑަށް ލިބޭނެ ބުއިމެކެވެ. އޭގެ ތެރޭގައި ހަކުރުން ބަލި އަދި ހިތުގެ ބަލިން މީހާ ދުރުކޮށްދިނުމުގެ އިތުރުން ކިޑްނީގައި ހިލައުފެދުން ވެސް ކޮންޓްރޯލްކޮށް ދެއެވެ.

comment ކޮމެންޓް