ކުރިއަށް އޮތް ޖޫން މަހުގެ 14ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކުރެވިފައި އޮތް ކާތިކް އާރްޔަންގެ ފިލްމު "ޗަންދޫ ޗެމްޕިއަން"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ފިލްމު "ޗަންދޫ ޗެމްޕިއަން"އަކީ ކަބީރު ޚާން ޑައިރެކްޓް ކޮށްފައިވާ ކުޅިވަރަށް ޚާއްސަ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާއެކެވެ. ފިލްމުގައި ކާތިކް ފެންނާނީ 1970ގެ އަހަރުތަކުގެ ތެރޭ ކޮމަންވެލްތު އަދި ޖަރުމަނު ވިލާތުގައި ބޭއްވި ޕެރަލިމްޕިކްގައި އިންޑިއާ ރަމްޒުކޮށް، އެ ޤައުމަށް ރަން މެޑަލް ހޯދައިދިން އެތުލީޓު މުރްލީކަންތު ޕެޓްކަރުގެ ގޮތުގައެވެ.
އެތުލީޓު މުރްލީކަންތުގެ ކުޅިވަރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ކާތިކް ވަނީ އެ ކަމަށް ޚާއްސަ ތަމްރީނުތަކެއް ހަދާ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ.

ފިލްމު "ޗަންދޫ ޗެމްޕިއަން"ގެ ޓްރެއިލާ ރިލީޒްކުރި ހަފުލާގައި ޑައިރެކްޓަރު ކަބީރު ޚާން އަދި ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ކާތިކާ އެކު -- ފޮޓޯ/ޓެލެގްރާފްއިންޑިއާ
ފިލްމުގެ ޓްރެއިލާ ބެލުމަށް ފަހު ކާތިކްގެ ހިތްވަރަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.
ކާތިކް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ސަތިޔަ ޕްރޭމްކީ ކަތާ"އިންނެވެ. ބަތަލާ ކިއާރާ އަދުވާނީއާ އެކު ކާތިކް ލީޑް ރޯލުން ފެނުނު އެ ފިލްމަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވި ފިލްމެކެވެ. އެހެންނަމަވެސް ކްރިޓިކުން ނިންމާފައިވަނީ އެއީ އެވްރެޖް ފިލްމެއްގެ ގޮތުގައެވެ.