މައިކްރޯސޮފްޓް ޓީމްސްއަށް ކޯޕައިލެޓް ތައާރަފުކޮށްފި

މައިކްރޯސޮފްޓް ޓީމްސް --

މައިކްރޯސޮފްޓުން ޓީމްސް އެޕްލިކޭޝަނަށް އެ ކުންފުނީގެ އޭއައި ޗެޓްބޮޓް ކޯޕައިލެޓް ތައާރަފުކޮށްފިއެވެ.

ޓީމްސްއަށް ކޯޕައިލެޓް ތައާރަފުކުރީ މައިކްރޮސޮފްޓުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބިލްޑް ޑިވެލޮޕަރުންގެ ކޮންފަރެންސްގައެވެ.

އާ ކޮލާބްރޭޓިވް އޭއައި ޓޫލް ކޯޕައިލެޓް ތައާރަފު ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ މީޓިން މެނޭޖްމަންޓާއި ނޯޓް ނެގުން ފަދަ ވަގުތު ހޭދަވާ މަސައްކަތްތައް ކުރުމަށް ފަސޭހަ ކޮށްދިނުން ކަމުގައި އެކުންފުނިން ބުނެއެވެ.

ކޯޕައިލެޓް ފޯ ޓީމްސްއަކީ މައިކްރޮސޮފްޓްގެ މިހާރުގެ އޭއައި އެސިސްޓެންޓުގެ މައްޗަށް ބިނާކޮށް، ހަމައެކަނި ވަކިވަކި ޔޫޒަރުންގެ ބަދަލުގައި މުޅި ޓީމްސްއަށް އަމާޒުކޮށްގެން ތައާރަފުކުރި ޚިދުމަތެކެވެ. އެއީ ގްރޫޕް ސިނާރިއޯތަކަށް އޭއައި އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ވަސީލަތެކެވެ.

ޓީމްސްގައި ކޯޕައިލެޓުން ކުރެވޭނެ ބައެއް ކަންކަން އެކުންފުނިން އިއުލާންކޮށްފައިވާއިރު، އޭގެތެރޭގައި މީޓިންތައް ރިކެޕް ކޮށްދިނުމާއި ސުވާލުތަކަށް ޖަވާބު ދިނުމުގެ ގާބިލުކަން ހިމެނެއެވެ. އަދި މީޓިން އެޖެންޑާތައް ހެދުމާއި، މީޓިން ކޯލްތަކުގައި ނޯޓް ނެގުމާއި، ބައިވެރިވާ ފަރާތްތަކާ އެކު ސަމަރީޒް ޝެއާ ކުރެވޭނެކަމަށްވެސް މައިކްރޯސޮފްޓުން ބުނެއެވެ.

މީގެ އިތުރުންވެސް މައިކްރޮސޮފްޓް ޕްލޭނާގެ ތެރޭގައި ޓާސްކް ލިސްޓުތައް ޖެނެރޭޓްކުރުމާއި، ޓާސްކްތަކުގެ ޑެޑްލައިންތައް ޓްރެކްކުރުމުގެ އިތުރުން ޓީމްގެ މެންބަރުންނަށް އަންގަންޖެހޭ އެންގުންތައް އެންގުމުގެ ފުރުޞަތު ވެސް ވަނީ ކޯޕައިލެޓް ފޯ ޓީމްސްއިން ފަހިކޮށްދީފައެވެ.

ބިލްޑް ކީނޯޓްގައި މައިކްރޮސޮފްޓްގެ ސީއީއޯ ސަތިޔާ ނަޑެއްލާ ވިދާޅުވި ގޮތުގައި ކޯޕައިލެޓް ފޯ ޓީމްސްއަކީ އަމިއްލަ އުފެއްދުންތެރިކަމުގެ އިތުރުން، ޓެކްނޮލޮޖީގެ އެހީގައި މަސައްކަތްތައް ފުރިހަމަކޮށްދީ ހަލުވިކޮށްދިނުމަށް އެހީވެދޭނެ ވަސީލަތެކެވެ.

މައިކްރޮސޮފްޓުން ބުނީ ކޯޕައިލެޓް ފޯ ޓީމްސް ފަރުމާކޮށްފައި ވަނީ އިދާރީ މަސައްކަތްތަކުން މުވައްޒަފުން މިނިވަންކޮށް، އިތުރު އެހެނިހެން އުފެއްދުންތެރި މަސައްކަތްތަކަށް ވަގުތު ހުސްކޮށްދިނުމުގެ ގޮތުން ކަމަށެވެ.

comment ކޮމެންޓް