މައިކްރޯސޮފްޓް ޕެއިންޓަށް އޭއައި ފީޗާތަކެއް އިތުރުކުރަނީ

މައިކްރޯސޮފްޓް ޕެއިންޓަކީ ފޮޓޯ އެޑިޓިންގެ އެންމެ ބޭސިކް އެއް އެޕްލިކޭޝަން ---

މައިކްރޯސޮފްޓުން އެ ކުންފުނީގެ މަޝްހޫރު ޕެއިންޓް އެޕްލިކޭޝަނަށް ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް (ޖެންއޭއައި) ގެ އައު ފީޗާތަކެއް އިތުރުކުރާނެކަން އިޢުލާނުކޮށްފިއެވެ.

މި ފީޗާތަކުގެ ތެރޭގައި ފޮޓޯތަކުން އޮބްޖެކްޓުތައް ފޮހެލުމާއި، ޓެކްސްޓް ބޭނުންކޮށްގެން ފޮޓޯތަކަށް އައު އޮބްޖެކްޓުތައް އިތުރުކުރުން ހިމެނެއެވެ.

މި އައު ފީޗާތައް ފުރަތަމަ ލިބޭނީ މައިކްރޯސޮފްޓުގެ ކޯޕައިލޮޓް+ ބްރޭންޑިން އޮންނަ ޕީސީތަކުގައެވެ. އިންސައިޑާ ޔޫސަރުންނަށް މި ފީޗާތައް މި މަހު ލިބެން ފަށާއިރު، އާންމުކޮށް ލިބެން ފަށާނީ ނޮވެމްބަރު މަހުގައެވެ. މި ފީޗާތައް ބޭނުންކުރެވޭނީ ކުއަލްކޮމް ސްނެޕްޑްރެގަން އެކްސް، އިންޓެލް ކޯ އަލްޓްރާ 200، ނުވަތަ އޭއެމްޑީ ރައިޒެން އޭއައި 300 ސީޕީޔޫ ހުންނަ ޑިވައިސްތަކުގައެވެ.

ޕެއިންޓަށް މި ގެނެވޭ ބަދަލުތަކަކީ ވޭތުވެދިޔަ އަހަރު މި އެޕްލިކޭޝަނަށް ގެނެވުނު ބަދަލުތަކުގެ އިތުރު ބަދަލުތަކެކެވެ. މީގެ ކުރިން، ޑާކް މޯޑް، ލޭޔަރުތައް އަދި ޓްރާންސްޕޭރަންސީ ސަޕޯޓް ވަނީ އިތުރުކޮށްފައެވެ. އަދި ފޮޓޯގެ ފަހަތުގައިވާ ބެކްގްރައުންޑް އޮޓޮމެޓިކުން ނެގުމުގެ ފީޗާވެސް އިންސައިޑަރުންނަށް ލިބިފައިވެއެވެ.

މީގެ އިތުރުން، މައިކްރޯސޮފްޓުގެ ފޮޓޯސް އެޕްގައިވެސް އޭއައި ބޭނުންކޮށްގެން ފޮހެލުމުގެ ފީޗާ ވަނީ މިދިޔަ ފެބްރުއަރީ މަހު އިތުރުކޮށްފައެވެ. ނޮވެމްބަރު މަހުގެ އަޕްޑޭޓުގައި ކޯޕައިލޮޓް+ ޑިވައިސްތަކުގައި ފޮޓޯތަކުގެ ރެޒޮލިއުޝަން 8 ގުނައަށް އިތުރުކުރެވޭނެ ސޫޕަ ރެޒޮލިއުޝަން ފީޗަރެއް ވެސް ތަޢާރަފުކުރާނެ ކަމަށް ބުނެފައިވެއެވެ.

މި ބަދަލުތަކާއެކު، ވިންޑޯސް ސާޗް އިން ލޯކަލީ ނުވަތަ ވަންޑްރައިވްގައި ރައްކާކޮށްފައިވާ ފޮޓޯތައް ޓެކްސްޓް ޑިސްކްރިޕްޝަނަކުން ހޯދޭނެއެވެ. އަދި "ކްލިކް ޓު ޑޫ" ނަމަކަށް ކިޔާ ފީޗައެއް ތަޢާރަފުކޮށް، ސްކްރީނުގައި ފެންނަ އެއްޗެއްސަށް ބަލައި، ފޮޓޯ އެޑިޓްކުރުމާއި، ޓެކްސްޓް ރިފައިންކުރުމާއި، ވެބް ސާޗްކުރުމަށް ލަފާދޭނެއެވެ.

މައިކްރޯސޮފްޓުން މި ގެންނަ ބަދަލުތަކަކީ އާންމުކޮށް ބޭނުންކުރާ ޕެއިންޓް ފަދަ ސޮފްޓްވެއާތަކަށް ފަންނީ ކުރިއެރުންތަކެއް ގެނެސްދޭނެ ބަދަލުތަކެއް ކަމަށް ބެލެވެއެވެ.

comment ކޮމެންޓް