ސައުދީއާ ގުޅިގެން އިސްލާމީ ދާއިރާއާ ގުޅުންހުރި ދިރާސާ ކުރަނީ

އިސްލާމިކް ސަމިޓުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް -- ފޮޓޯ/ ރައީސް އޮފީސް

ސައުދީ އަރަބިއާގެ އިސްލާމިކް މިނިސްޓްރީއާއި ރާއްޖޭގެ އިސްލާމީ މިނިސްޓްރީއާ ގުޅިގެން ދީނީ ދިރާސާތައް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވީ ސައުދީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ބޭއްވި އިލްމީ ފޯރަމްއާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. ޝަހީމް ވިދާޅުވީ އިސްލާމީ އަދި އިލްމީ ފޯރަަމް ނުވަތަ ދައުރާގެ ބޭނުމަކީ އަގީދާއާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

ޝަހީމް ވިދާޅުވީ އިލްމީ މި ޕުރޮގްރާމްގެ ތެރޭގައި ކުރިއަށް ގެންދިޔައީ އަގީދާއާއި ތައުހީދާ ބެހޭ ވާހަކަތައް ކަމަށާއި މިއީ ވަރަށް މުހިއްމު ދައުރާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ މި އިލްމީ ދައުރާއަށް ހީކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން އިސްލާމީ ދާއިރާތަކުގައި ކިޔަވާ މީހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މީހުން އެ ޕްރޮގްރާމްގައި ބައިވެރިވި ކަމަށް ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މަސައްކަތަކީ ދެ ގައުމުގެ ދެ މިނިސްޓްރީގެ މެދުގައި އޮތް އެއްބަސްވުމެއްގެ ތެރެއިން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަަމަށެވެ.

"ކުރިއަށް އޮތް ތަނުގައިވެސް އިލްމީ މިފަދަ ކަންތައްތައް ކުރިއަށް ދާނެ. އަދި ދެ ވުޒާރާ ގުޅިގެން އިސްލާމީ ދާއިރާއާ ގުޅުން ހުރި އެކިއެކި ދިރާސާ ކުރުމާއި އިސްލާމީ ޚިދުމަތުގައި ވަރަށް ގިނަ ކަންތައްތައް އިންޝާﷲ ފެނިގެންދާނެ." ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މި ބޭއްވުނީ ދޭތެރެ ދޭތެރެއިން ދުނިޔޭގެ އިސްލާމީ ގައުމުތަކުގައި ކުރިއަށްގެންދާ ދައުރާތަކުގެ ތެރެއިން ދައުރާއެއް ކަމަށެވެ. އަދި މި އިލްމީ ދައުރާއަކީ ވަރަށް ކާމިޔާބު ދައުރާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް