ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މި އަހަރު ވެސް ކުރިއަށްގެންދާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، ސަން ސިޔާމް ހެޑް އޮފީސް މުވައްޒަފުންގެ ލޭ ހަދިޔާ ކުރުމުގެ ހަރަކާތް މިއަދު ފަށައިފިއެވެ.
މި އަހަރުގެ ހަރަކާތް ފަށާފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހު ސަން ސިޔާމް އޮޅުވެލި ރިސޯޓުގައެވެ. އެއަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސިޔާމް ވޯލްޑްގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.
ހެޑް އޮފީސް މުވައްޒަފުންގެ ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ފަށާފައި ވަނީ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)ގައި ހެނދުނު 10:00ގައެވެ. މި ހަރަކާތް ފައްޓަވައިދެއްވީ އެމްބީއެސްގެ ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓަރާ އިން ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރެވެ.
ހަރަކާތް ފައްޓަވައިދެއްވާ ވާހަކަ ދައްކަވަމުން ޑރ. އުމަރު ވިދާޅުވީ، މި ހަރަކާތަކީ ކޮންމެ އަހަރަކު ސަން ސިޔާމް ގްރޫޕުން ކުރިއަށް ގެންދާ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށެވެ. އަދި އުންމީދަކީ ލޭ ހަދިޔާ ކުރުމަށް ގިނަ ބަޔަކު ތައާރަފްވެ، ގަވާއިދުން ލޭ ހަދިޔާ ކުރާ ބަޔަކު ކަމުގައިވުން ކަމަށް އޭނާ ވިދާޅުވިއެވެ.
"...ސަން ސިޔާމް ގްރޫޕުގެ ހުރިހާ މުވައްޒަފުންނަށް މޯލްޑިވިއަން ބްލަޑް ސާވިސަސްއާ އަދި ހަދިޔާ ކުރާ ލޭ ލިބިގެން އޭދެ ފައިދާ ލިބިގަންނަ ތެލެސީމިއާ ކުދިންނާ އެކުދިންގެ ބެލެނިވެރިންގެ ފަރާތުން ވަރަށް ޚާއްސަ ޝުކުރެއް ރައްދު ކުރަން،" ޑރ. އުމަރު ވިދާޅުވިއެވެ.
ސަން ސިޔާމް ކުންފުނީގެ މެނޭޖަރު އޮފް އެގްރިކަލްޗާ ޑިޕާޓްމަންޓު އަދި ބްލަޑް ޑޮނޭޝަން ކޭމްޕުގެ ކޯޑިނޭޓަރު އައްޒަ ހަމީދު ވިދާޅުވީ އޮޅުވެލި ރިސޯޓު އަދި ސިޔާމް ވޯލްޑުން ވެސް ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި މިއަދު ވެސް މި ލޭ ހަދިޔާކުރަން ގިނަ އަދަދެއްގެ މުވައްޒަފުން ރަޖިސްޓަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު ވެސް ލަފާކުރެވޭ ވަރަށް ގިނަ މުވައްޒަފުން ލޭ ހަދިޔާ ކުރަން ވަޑައިގަންނަވާނެ ކަމަށް. ވަރަށް އުފަލާއެކު ފާހަގަ ކުރަން އަޅުގަނޑުމެން މިހާރު ދެ ރިސޯޓެއްގައި ލޭ ހަދިޔާ ކުރުން ކުރިއަށް ގެންގޮސްފައި ވާނެ. އެއީ ސަން ސިޔާމް އޮޅުވެލި އަދި ސިޔާމް ވޯލްޑުގައި. ޖުމްލަ ގޮތެއްގައި ގާތްގަނޑަކަށް 200އަށްވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާ ކޮށްފައި ވަނީ މިހާރު،" އައްޒަ ވިދާޅުވިއެވެ.
މި ހަރަކާތަކީ ސަން ސިޔާމް ރިސޯޓްސްއިން އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން 2015ވަނަ އަހަރު ފެށި ވަރަށް ކާމިޔާބު ހަރަކާތެކެވެ.
އޭގެ ފަހުން މި ހަރަކާތް ކޮންމެ އަހަރަކު ކުރިއަށް ގެންދިޔަ ނަމަވެސް، ކޮވިޑުގެ ތެރޭގައި ލޭ ހަދިޔާކުރުމުގެ ހަރަކާތް މެދުކަނޑާލިއެވެ. އެއަށްފަހު މި ހަރަކާތް އަލުން ފަށާފައި ވަނީ މިދިޔަ އަހަރެވެ.
އައްޒަ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ އަހަރު ސަން ސިޔާމް ރިސޯޓުތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި 459 މީހުން ލޭ ހަދިޔާކޮށްފައިވެއެވެ.
ލޭ ހަދިޔާކުރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)ގެ ޓީމަކުންނެވެ.