ލޭ ހަދިޔާކުރުމަށް ޚާއްސަ "ލޭ އެޕް" އިފްތިތާހުކޮށްފި

ލެޔާގުޅޭ ޚިދުމަތްތައް ބެލެހެއްޓުމަށް އެޕްލިކޭޝަން އެއް ލޯންޗުކޮށްފި-- ފޮޓޯ: ހެލްތު މިނިސްޓަރީ

ލޭ ހަދިޔާކުރުމާއި، ލެޔާގުޅޭ ޚިދުމަތްތައް ބެލެހެއްޓުމަށް ޚާއްސަ "ލޭ އެޕް" ލޯންޗުކޮށްފިއެވެ.

މިއަދު ސިއްހީ ވުޒާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި "ލޭ އެޕް" އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުالله ޚަލީލެވެ.

ލޭ އެޕުގައި ޑޯނަރެއްގެ ގޮތުގައި އޮންލައިން ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ހެލްތު މިނިސްޓްރީން ބުނީ ލޭ އެޕުގެ ޙިދުމަތްތައް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގޫގުލް ޕްލޭ ސްޓޯރާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑުކުރެވޭނެ ކަމަށެވެ.

މިއަދު "ލޭ އެޕް" އިފްތިތާހުކުރި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިރެކްޓާ ޖެނެރެލަ އޮފް ހެލްތު ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ ދުނިޔޭގެ ނިސްބަތަށް ބަލާއިރު ވެސް ރާއްޖޭގައި ތެލެސީމިއާ ކުދިން ގިނަ ކަމަށެވެ.

ޑިރެކްޓާ ޖެނެރެލަ އޮފް ހެލްތު ޑރ އަހުމަދު އަޝްރަފް-- ފޮޓޯ: އަމަން ލަތީފް

އެގޮތުން އަޝްރަފު ވިދާޅުވީ މިހާރުވެސް ރާއްޖޭގައި، ލޭ ގަވާއިދުން ބޭނުންވާ 669 ތެލެސީމިއާ ކެރިއަރުން އެބަތިކަމަށާއި އެމީހުންނަށް ބޭނުންވާ ލޭ ރައްކާކޮށް، މެނޭޖް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު އިފްތިތާޙް ކުރި އެޕްލިކޭޝަންގެ ޒަރިއްޔާއިން ލޭ ބޭނުންވާ މީހުންނަށާއި، ލޭ ހަދިޔާކުރަން ބޭނުންވާ މީހުންނަށް އެއް ޕްލެޓްފޯމްއަކުން ޚިދުމަތް ލިބޭނެ ކަމަށެވެ.

މީގެއިތުރުން އެ މިނިސްޓްރީން ބުނީ މި އެޕްލިކޭޝަންގެ ސަބަބުން، ލޭގެ ސަޕްލައި މެނޭޖްމަންޓް ކުރިއަށް ގެންދާ ގޮތް ބަދަލުކޮށް، ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ބޭނުންތަކަށް ލޭގެ ސަޕްލައި އެންމެ އެކަށީގެންވާ ފެންވަރެއްގައި ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އެ މިނިސްޓަރީން ބުނީ މި އެޕްލިކޭޝަންގެ ސަބަބުން ލޭ ހަދިޔާކުރުމާއި މެނޭޖްކުރުމުގެ ހިދުމަތުގައި އާ މިންގަނޑެއް ކަނޑައަޅައި، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ލޭ މެދުކެނޑުމެއް ނެތި ލިބުމަށް މަގުފަހިވާނެ ކަމަށެވެ.

މިއަދު ހެލްތު މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި 2019ވަނަ އަހަރުން މިދިޔަ އަހަރުގެ ނިޔަލަށް އެންމެ ގިނައިން ދަރުމައަށް ލޭހަދިޔާކުރި ފަރާތްތަކަށާއި، އެންމެ ގިނައިން ލޭ ހަދިޔާކުރުމުގެ ކޭމްޕް ހިންގި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކުރިއެވެ.

comment ކޮމެންޓް