އާސެނަލްއަށް ލީގު ނުލިބުނީ ވިސްނުން ގޯސްވީމާ: ރޮޑްރީ

ސިޓީއަށް ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ރޮޑްރީ -- ފޮޓޯ/ ޔޫރޯ ސްޕޯޓް

އާސެނަލް ލީގުގެ ބޮޑު ބައިގައި ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް މެންޗިސްޓާ ސިޓީއަށް ލީގު ކާމިޔާބުވީ ވިސްނުމުގެ ތަފާތުން ކަމަށް ސިޓީގެ ޓީމުގައި މުހިންމު ރޯލެއް ކުޅޭ މިޑްފީލްޑަރު ރޮޑްރީ ހެނާންޑެޒް ބުނެފިއެވެ.

ޕްރިމިއާ ލީގުގެ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަތަރު ފަހަރަށް ލީގު ކާމިޔާބުކުރުމުގެ ޝަރަފު ހޯދުމަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޮޑްރީ ވަނީ މިދިޔަ މާޗު މަހުގެ 31 ގައި ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗަށް އަލިއަޅުވާލައިފައެވެ.

އޭނާ ބުނީ، އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނި، ސިޓީ ބަލިކުރަން ނުކުންނާނެކަމަށް އެ ދުވަހު އުންމީދުކުރިން ކަމަށެވެ. އެކަމަކު، އޭގެ ބަދަލުގައި އާސެނަލުން އެ މެޗުގައި މަސައްކަތްކުރީ ޑިފެންޑްކޮށް، ޕޮއިންޓެއް ހޯދައިގެން ނިންމާލަންކަމަށް ރޮޑްރީ ބުންޏެވެ.

މި ފަހަރުގެ ލީގުގައި އާސެނަލުން ދެއްކި ކުޅުމަށް ބަލައި، އެ ޓީމަށް ލީގު ކާމިޔާބުކުރުން ހައްގު ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް، ސިޓީގެ އިއްތިހާދު ސްޓޭޑިއަމަށް އައިސް ދެއްކި ކުޅުމާ އެކު އާސެނަލުން އުޅެނީ ސިޓީ ބަލިކުރަން ނޫން ކަމަށް ހިތަށް އެރި ކަމަށް ރޮޑްރީ ބުންޏެވެ. އެއީ، ވިސްނުމުގެ ތަފާތެއް ކަމަށް އޭނާ ގަބޫލުކުރެއެވެ.

އެއީ، ސިޓީން އާސެނަލްގެ ދަނޑަށް ގޮސް ބަލިވި ނަމަވެސް އެ ޓީމުން އެ މެޗަށް ކުރިމަތިލީ އާސެނަލްގެ ދަނޑުގައި އެ ޓީމު ބަލިކުރުމަށް ކަމަށެވެ.

ރޮޑްރީ އެހެން ބުނި ނަމަވެސް، މި ސީޒަންގައި ސިޓީއަށް އާސަނެލް ބައްޔެއް ނުކުރެވެއެވެ. އަދި، ތިންވަނައަށް ދިޔަ ލިވަޕޫލް ވެސް ސިޓީއަށް ބަލިކުރެވިފައެއް ނުވެއެވެ.

މެންޗިސްޓާ ސިޓީން ފަހު މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑާ ބައްދަލުކޮށް 3-1 އިން މޮޅުވިއިރު، އާސެނަލް މޮޅުވީ ފަހު ވަގުތު ކައި ހަވާޓްޒް ޖަހައިދިން ލަނޑުންނެވެ.

ސީޒަންގެ ބޮޑު ބައިގައި އެއްވަނައިގައި އޮތުމަށް ފަހު، ލީގުގެ ދެވަނައިގައި ސީޒަން ނިންމާލަން ޖެހުމާ ގުޅޭ ގޮތުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ، މި ސީޒަންއަށް ވުރެ ވަރުގަދަކޮށް އަންނަ ސީޒަންގައި އެނބުރި އަންނާނެ ކަމަށެވެ. އަދި، ސަޕޯޓަރުން މި ވަރުން ހިތްހަމަޖައްސައިނުލުމަށާއި ލީގު ކާމިޔާބުކުރާނެ ކަމަށް އޭނާ ބުންޏެވެ.

ފާއިތުވި ހަތަރު ސީޒަންގައި ވެސް ލީގު ކާމިޔާބުކުރީ ސިޓީންނެވެ. އެއީ، މިހާތަނަށް އެއްވެސް ޓީމަކަށް އެ ލީގުގައި ހޯދުނު ކާމިޔާބެއް ނޫނެވެ.

comment ކޮމެންޓް