ފިޝަރީޒް މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ގާއިމުކުރާ ފިޝަރީޒް ކޮލެޖު އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ވެސް ގާއިމުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މަސްވެރިކަން ކިޔަވައިދޭން ގާއިމުކުރާ ފިޝަރީޒް ކޮލެޖް މާލޭގައި ގާއިމުކުރާ ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މީގެ ދެ ހަފުތާ ކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މަސްވެރިން އާންމުކޮށް އުޅެނީ އަތޮޅު ތެރޭގައި ކަމަށާއި އަތޮޅުތަކުގައި ތިބި މަސްވެރިން މާލެ ގެނައުމަކީ ރަނގަޅު ގޮތް ނޫން ކަމަށް ނިޒާރު އޭރު ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން 'ސަން'އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު އަހުމަދު ވަނީ ފުރަތަމަ ފަށާއިރު މާލޭގައި ފެށި ނަމަވެސް ކުރިއަށްދާ ވަރަކަށް އަތޮޅުތެރޭގައި ވެސް މި ކޯސްތައް ފަށާނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މި ކަމެއް ފަށަނީ. ކަމެއް ފަށާއިރު ހުރިހާ ހިސާބެއްގައި ފެށުމަކީ އުނދަގޫ ކަމަކަށް ވާނެ،" އަމްޒަތު ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓާގެޓަކީ ދޯނީގައި ހުންނަ ފަޅުވެރިޔާއަށް ވެސް އަޅުގަނޑުމެންގެ އޮންލައިން ކްލާސްތަކުގައި ބައިވެރިވެގެން މައުލޫމާތާއި ހުނަރާއި މުއްސަނދިކުރުމަށް ކިޔަވަން ހުޅުވައިދެވެން ހުރި ހުރިހާ ފުރުސަތުތަކެއް ހުޅުވައިލުން،"
އޭނާ ވިދާޅުވީ، ޤައުމީ ޔުނިވާސިޓީން މިހާރު ވެސް އޮންލައިންކޮންނާއި ބްލޮކްކޮށް އަދި ހައިބްރިޑް މޮޑަލަށް ކިޔަވައިދޭއިރު ކުރިއަށް އޮތް ތަނުގައި ހުރިހާ މަސްވެރިންނަށް ވެސް ފަސޭހަވާނެހެން މިކަމުގެ އިލްމު އުނގެނުން ފަސޭހަކޮށްދޭނެ ކަމަށެވެ.
ފިޝަރީޒް ކޮލެޖެއް ގާއިމުކުރައްވާނެކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ހާމަކުރެއްވީ 43 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެއަށް ފަހު މިދިޔަ ޑިސެމްބަރު މަހު ފިޝަރީޒް މިނިސްޓްރީން އެމްއެންޔޫއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް އަންނަ އޮގަސްޓު މަހު ފިޝަރީޒް ކޮލެޖުގެ ކޯސްތައް ފަށާނެކަން ވަނީ އިއުލާންކޮށްފައެވެ.
ރާއްޖޭގެ ގިނަ ބަޔަކު އިހު ޒަމާނުން ފެށިގެން މަސްވެރިކަން ކުރި ނަމަވެސް އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާ މީހުން ނިސްބަތުން މަދެވެ.