މަސްވެރިކަމުގެ ކޮލެޖު މާލޭގައި ގާއިމުކުރާތީ އައްޑޫ މޭޔަރުގެ ނުރުހުން

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވާހަަކަދައްކަވަނީ: އޭނާ ވަނީ މަސްވެރިންގެ ކޮލެޖު މާލޭގައި ގާއިމުކުރާތީ ކަންބޮޑުވުން ފާޅުކޮށްފައި ---

މަސްވެރިކަން ކިޔަވައިދޭ ކޮލެޖު ގާއިމުކުރަންވީ ހުވަދޫގައި ނުވަތަ އެ ނޫން ވެސް މަސްވެރިން ގިނަ އަތޮޅެއްގައި ކަމަށް ވިދާޅުވެ، އެ ކޮލެޖު މާލޭގައި ގާއިމުކުރާތީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސަރުކާރުން ގާއިމުކުރަން ނިންމި ފިޝަރީޒް ކޮލެޖުގެ ކޯސްތައް އޯގަސްޓު މަހުގެ އިންޓޭކާ އެކު ފަށަން ގަސްތުކުރާ ކަމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން އިއްޔެ ވަނީ ބުނެފައެވެ.

ނިޒާރު މިއަދު ވިދާޅުވީ، މަސްވެރިން ގިނަ، ހުވަދޫ ނުވަތަ އެ ނޫން ވެސް އަތޮޅެއްގައި އެ ކަން ފެއްޓެވި ނަމަ އެއީ ރަނގަޅު ފާލަކަށް ވީސް ކަމަށެވެ. އަދި، އަތޮޅުތެރޭގައި ތިބި މަސްވެރިން ނުވަތަ އެ ކަމަށް ޝައުގުވެރިވާ އެހެން ބަޔަކު މާލެ ގެނައުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަތޮޅުތެރޭ ތިއްބެވި މަސްވެރިން ވެސް ނުވަތަ ޝައުގުވެރިވާ އެހެން ބޭފުޅުން ވެސް މާލެ ގެންދަން ނުވަތަ މާލެ ތޮއްޖައްސަން އިތުރު ސިޔާސަތެއް އައުމަކީ ރަނގަޅު ނިންމުމެއް ނޫން," އޭނާ ވިދާޅުވިއެވެ.

އޭނާ ނިޒާރު ވިދާޅުވީ، މަސްވެރިކަމާ ބެހޭ ކޮލެޖު މަސްވެރިކަމުގެ އެއްވެސް އަސަރެއް ނެތް ތަނެއްގައި ގާއިމުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

"އައްޑޫގައި ނޫނިއްޔާ ހުވަދޫގައި ނޫނިއްޔާ އެހެން އަތޮޅެއްގައި އެކަން ކުރިނަމަ އަޅުގަނޑުމެންނަށް އެ ކަމުގެ ރަނގަޅު ނިޔަތެއް އޮތް ކަމަށް ގަބޫލުކުރެވޭނެ،" ނިޒާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުރިހާ ކަމެއް މާލޭގައި ކުރަން ނުޖެހޭނެ ކަމަށެވެ. އަދި, އަތޮޅުތަކުގައި ކުރެވެން އޮތް ކަމެއް އަތޮޅުތަކުގައި ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

މޭޔަރު ވިދާޅުވީ މަސްވެރިންނަކީ އަތޮޅު ތެރޭގައި އާންމުކޮށް އުޅޭ ބައެއް ކަމަށެވެ. އެހެންކަމުން، އެ މީހުންނަށް ދެވޭ މައުލޫމާތެއް ނުވަތަ އިލްމެއް ދިނުމަށް މަސްވެރިން އުޅޭ ސަރަހައްދެއްގައި އެކަން ކުރުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ފިޝަރީޒް ކޮލެޖުގެ ކޯސްތައް އޯގަސްޓު އިންޓޭކާ އެކު ފަށަން ގަސްތުކުރާ ކަމަށް އެ ކޮލެޖު ހިންގަން ހަވާލުކުރި އެމްއެންޔޫއިން ބުނި ނަމަވެސް، އެ ކޯސްތަކާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އެ ޔުނިވާސިޓީން އަދި ހިއްސާކޮށްފައެއް ނުވެއެވެ.

މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުވައި، އެ ދައިރާއިން ޒުވާނުންނަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ފިޝަރީޒް ކޮލެޖެއް ޤާއިމުކުރަން ނިންމަވައިފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއުލާނުކުރެއްވީ މަސްވެރިންގެ ދުވަހާ ގުޅިގެން ބޭއްވި ޚާއްސަ ޖަލްސާގައެވެ.

އެ ކޮލެޖު ގާއިމުކުރަން ގައުމީ ޔުނިވާސިޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ ޑިސެމްބަރު 27، 2023 ގައެވެ.

comment ކޮމެންޓް