ދެން މަސްވެރިކަން ކުރާނީ ކިޔަވައިގެން، އަންނާނީ ކޮން ބަދަލެއް؟

މަސްވެރިންތަކެއް މަސް ވިއްކަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒަމާނުއްސުރެ ވެސް ދިވެހިންނަށް މަސްވެރިކަމަކީ ދިވެހިންގެ ލޭ ނާރެވެ. އެއީ ކާބަފައިން އާމްދަނީ ހޯދުމަށް ރާއްޖޭގައި ކުރަމުން އައި އެންމެ ޒަމާންވީ މަސައްކަތެވެ. އެހެންވެ އެ ސިނާއަތް ދިވެހިންނަށް ވަރަށް ވެސް މުހިންމެވެ. މަޒުމޫނުތަކާއި ރިޕޯޓުތަކާއި ފޮތް ތަކުގައި ވެސް ހުރީ ހަމަ އެ ވާހަކައެވެ. އެހެން ނަމަވެސް އެކަމަށް ދޭންވާ އަހަންމިއްޔަތުކަން ނުދެވި ގިނަ ދުވަސްތަކެއްވަންދެން މަސްވެރިކަމުގެ ސިނާއަތް އޮތީ ގޮތަކަށް ބުނާނަމަ ވާނޭ ގޮތެއްވާން ދޫކޮށްލައިފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވާ ވާހަކައާ އެއްވަރަށް މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ވާހަކަ ދައްކާ އަޑެއް ނީވެއެވެ. އެކަމަށް ސަރުކާރުތަކުން އޮތީ ނުކުޅެދިފައެވެ. ނަމަވެސް މި ސަރުކާރާއެކު އެކަމަށް އެބަ އުއްމީދު އާވެއެވެ.

އެއީ ދާދިފަހުން މިވަނީ މަސްވެރިކަމުގެ ކޮލެޖެއް ރާއްޖޭގައި ޤާއިމު ކުރާނެ ކަން ސަރުކާރުން އިއުލާނު ކޮށްފައިވާތީއެވެ. އަދި މި ސަރުކާރުން ވަނީ މަސްވެރިކަމަށާއި މަސްވެރިންނަށް ކުރިން އަޅައި ނުލެވި އޮތް އޮތުން ބަދަލު ކުރާނެ ކަމުގެ ވައުދުވެފައެވެ. އެގޮތުން ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ދިވެހި މަސްވެރިންނަށް ދަރައިފައިވާ ފައިސާ ވެސް މިދިޔަ މަހުގެ ނިޔަލަށް މިހާރު ވަނީ ދައްކައި ހަލާސްކޮށްފައެވެ.

ފިޝަރީޒް ކޮލެޖެއް ގާއިމު ކުރައްވާނެކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ހާމަ ކުރެއްވީ 43 ވަނަ މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެއަށް ފަހު މިދިޔަ ޑިސެމްބަރު މަހު ފިޝަރީޒް މިނިސްޓްރީން އެމްއެންޔޫއާއެކު އެއްބަސްވުމެއްގައި ސޮއިކޮށް އަންނަ އޮގަސްޓު މަހު ފިޝަރީޒް ކޮލެޖުގެ ކޯސްތައް ފަށާނެކަން ވަނީ އިއުލާން ކޮށްފައެވެ.

ދިވެހި މަސްވެރިޔަކު މަސް ދޯންޏެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ ފަދަ ހަމައެކަނި ފަތުރުވެރިކަމަށް ބޮޑަށް ބަރޯސާ ވެފަ އޮންނަ ޤައުމެއްގައި މަސްވެރިކަން ފަދަ އެހެން ސިނާއަތެއް ކުރި އަރުވަން މަސައްކަތް ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ދާދިފަހުން ވެސް ރާއްޖެއާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ވެސް ވަނީ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާ ނުވުމަށް ރާއްޖެއަށް ގޮވައިލައިފައެވެ. މި ކަންކަމަށް ބަލާއިރު ފިޝަރީޒް ކޮލެޖެއް ރާއްޖޭގައި ޤާއިމުކޮށް އެ ހުނަރު އުނގަންނައިދޭން ޖެހޭ ކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ. އަދި މިކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ރާއްޖެއަށް ވާނެ ކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ. އެހެން ނަމަވެސް މިކަން ކުރަން ފަށާ ގޮތާމެދު ހިތްހަމަ ނުޖެހި ޚިޔާލު ފާޅު ކުރާ މީހުން ވެސް ވަކި މަދެއް ނޫނެވެ.

މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު އަހުމަދު ވިދާޅުވީ މި ކޮލެޖު ހުޅުވުމުގެ ބޭނުމަކީ މި ސިނާއަތުގައި މިހާރު ތިބި މީހުންގެ ސްކިލް ލެވެލް ނުވަތަ ހުނަރު ރަނގަޅު ކުރުމާއި އެ މީހުންނަށް މިހާރުން މިހާރަށް ބޭނުންވާ ޓްރެއިނިންތައް ދިނުމާއި ކުރިއަށް އޮތް ތަނުގައި ސިނާއަތަށް ނުކުންނާނެ ކުދިންނަށް ސިނާއަތުގެ އެކި އެކި ރޮނގު ރޮނގުން ކިޔަވައި ދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މަސްވެރިކަން ފަދަ މުހިންމު ސިނާއަތެއްގައި މިހާރު މަސައްކަތް ކުރަމުން ދަނީ އެ ދާއިރާއިން އެއްވެސް ކޮލިފިކޭޝަނެއް ނުވަތަ ޔުނިވާސިޓީ ފެންވަރުގެ ސެޓްފިކެޓެއް ލިބިގެން ނޫން ކަމަށެވެ.

އެހެން ނަމަވެސް މަސްވެރިކަން ކިޔަވައި އެކަމުގެ ހުނަރު ދަސްކޮށްގެން މަސްވެރިކަމަށް ނުކުމެއްޖެނަމަ މިއަށް ވުރެ ބޮޑު ނަފާއެއް މި އިންޑަސްޓްރީން ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި މަސްވެރިިން މަސް ބޭނުމުގައި---

އޭނާ ވިދާޅުވި ގޮތުގައި މަސްވެރިކަމަކީ ދިވެހިންގެ ލޭނާރަށް ވުމާއެކު ބޭނުންވަނީ މިއީ އިޤްތިސާދުގެ ވެސް މައި ނާރު ކަމަށް ހަދާށެވެ. މި ކޮލެޖު އުފެއްދުމުގެ މައިގަނޑު އެއް މަޤުސަދަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި މަހުގެ ޕްރޮސެސިންގެ އިތުރުން މަހުގެ ވެލިއު އެޑެޑް ޕްރޮޑަކްޓުތައް ތައްޔާރު ކުރުން އިތުރު ކުރާނެ ކަމަށް ވެސް، އަމްޒަތު ވިދާޅުވިއެވެ. އަދި އެގޮތަށް މަސައްކަތް ކުރާއިރު، އެ އިންޑަސްޓްރީއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަކީ ވެސް އަލަށް ހުޅުވައި ފިޝަރީޒް ކޮލެޖުގެ ވަރަށް މުހިންމު މަޤުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ޕްރޮސެސިން މެނޭޖްމެންޓާއި. ފިޝަރީޒް މާކެޓީންނާއި، ފިޝަރީޒް އައިޓީއާ، މިހެން ގޮސް ފިޝަރީޒްއާ ގުޅުން ހުރި، ފިޝަރީޒްގެ ހިއުމަން ރިސޯސަސްއާ މިހެން ގޮސް ހަމަ ފިޝަރީޒް އާ ގުޅުންހުރި ތަފާތު ދާއިރާ ތަކުން އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ރާއްޖޭގައި ހަމަ މީހުން ބިނާކުރުން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ފުރިހަމަ ގޮތުގައި ބޭނުންކުރެވިގެން މަސްވެރިކަން ކުރާނަމަ އެކަމުން ރާއްޖެއަށް ލިބޭ ނަފާ އިތުރުވާނެ ކަމަށެވެ.

އަމްޒަތު ވިދާޅުވި ގޮތުގައި އަމާޒަކީ ފިޝަރީޒްއާ ބެހޭ އެންމެ ދަށް ލެވެލުން ފެށިގެން ފިޝަރީޒް ދާއިރާއިން ޕީއެޗްޑީއާ ހަމައަށް ރާއްޖޭގައި ކިޔަވައިދިނުމެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާއަކީ ރާއްޖޭގައި ރިސާޗު ވެސް ކުރެވޭނެ ދާއިރާއަކަށް ހެދުމަށް މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އެކަމަށް ބޭނުންވާ މީހުން ވެސް މި ކޮލެޖުގެ އެހީގައި ތަމްރީނު ކުރާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ބޭނުންވަނީ ނުކިޔަވައި ހުންނަ ކުއްޖާއާ ދިމާއަށް މަހަށޭ ދާންޖެހޭނީ ނުބުނެވޭ ފެންވަރަށް ސިނާއަތް ކުރިއަށް ގެންދިޔުން ކަމަށެވެ.

"މިހާރު ވެސް އެހެން ބުނެގެން ނުވާނެ އެއީ ވަރަށް ހުނަރުވެރި މަސައްކަތެއް، ވަރަށް އަބުރުވެރި މަސައްކަތެއް، ވަރަށް ޖޯށު ބޭނުންވާ، ޖޯރު ބޭނުންވާ މަސައްކަތެއް އެހެންވީމަ އެ މަސައްކަތް މިހާރު ވެސް އެ ކުރަނީ ހަމަ އަމިއްލައަށް އޭގެ ހުނަރާއި އޭގެ ފަންނު ލިބިގެން،" އަމްޒަތު ވިދާޅުވިއެވެ.

އަލަށް މަސް ވެރިކަމަށް ނުކުތް 21 އަހަރުގެ ޒުވާނަކު ބުނިގޮތުގައި މި ކަމުގެ ހުނަރެއްނެތި އެންމެ ފުރަތަމަ މަހަށް ދާން ފެށުމާއެކު ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. ދޯނީގައި ކުރަން ޖެހޭ ކަންކަން ނޭންގޭތީ ލަދުގަތް ކަމަށް އޭނާ ބުންޏެވެ.

"އަސްލު ހީކުރީ ފަސޭހަވާނެ ކަމަށް އެހެން ދޭތެރެއަކުން ޑިންގީގައި މަސްބާނަން ގޮސް އުޅޭތީ. އެކަމަކު އަސްލު އެއާ ވަރަށް ތަފާތު ދޯ،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ އަލަށް މި ހުޅުވާ ފިޝަރީޒް ކޮލެޖަކީ އޭނާ ފަދަ އެތައް ޒުވާނުންނަކަށް އާ ފުރުސަތު ތަކެއް ލިބޭނެ ތަނެއް ކަމަށެވެ. އަދި މަހަށް ދާނީ ނުކިޔަވައި ތިބޭ މީހުންނޭ ބުނާ ބުނުމަށް ވެސް ނިމުމެއް އެކަމުގެ ސަބަބުން އަންނާނެ ކަމަށް އުންމީދު ކުރެވޭ ކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ޒުވާން މަސްވެރިޔާ، ހަސަން ސާޖިން ވެސް ވަނީ މި ކޮލެޖުގެ މުހިންމުކަން ފާހަގަ ކޮށްފައެވެ. އޭނާ ބުނީ މިހާރު މެރިން ސައިންސްގެ ސިލަބަސް ބަދަލުކޮށްފައި އޮތުމާއެކު ސްކޫލު ނިމޭ އިރު ވެސް ދަރިވަރުންނަށް ދިވެހި މަސްވެރިކަން ނޭންގޭ ކަމަށެވެ.

ޒުވާން މަސްވެރިޔާ ހަސަން ސާޖިން. --ފޮޓޯ/ޒުވާން މަސްވެރިޔާ

"ސްކޫލުން ނިންމާއިރުގައި އަހަރުމެންނަކަށް ނޭންގޭ ކަޅުބިލަ މަހަކީ ކޮން އެއްޗެއް ކަމެއް. ކަންނެއްޔަކީ ކޮންއެއްޗެއްކަން ނޫނީ މީ ކިހިނެތްވާ ކަމެއް ކަމެއް،" އޭނާ ބުންޏެވެ.

މަސްވެރިކަމުގެ މުހިންމުކަން ކިޔައިދެމުން އޭނާ ބުނީ ކޮވިޑު19ގެ ދުވަސްވަރު ވެސް ބައެއް އިންޑަސްޓްރީތަކުން މީހުން ވަޒީފާއިން ކަނޑައި އަނެއްބައި އޮފީސްތަކުން މީހުންގެ މުސާރަތައް އިންތިހާއަށް ކުޑަ ކުރިއިރު ހަމައެކަނި އޮތް ގޮތަށް ބަދަލެއް ނައިސް އޮތް ސިނާއަތަކީ މަސްވެރިކަން ކަމަށެވެ.

އެހެން ނަމަވެސް ސްކޫލު ނިންމައި މަސްވެރިކަމަށް އަންނަ ކުދިންނަށް މަސްވެރިކަމަކީ ރާއްޖޭގައި ކިހާ މުހިންމު ސިނާއަތެއްކަން އިހުސާސް ނުވާކަމަށް އޭނާ ބުންޏެވެ.

އަދި ދޯނި މަތީގައި ކުރަންޖެހޭ އެއްވެސް ކަމެއް ކުރަން ނޭންގޭ ކަމަށް ވެސް އޭނާ ބުންނެވެ. އެގޮތުން ބަނދަރާ ދޯނި ގާތް ކުރުމުން ދޯންޏަށް އަރަން ނޭންގޭ ކަމަށާއި ދޯނީގެ ވަލެއް އައްސާލަން ވެސް މިހާރު ކުދިންނަށް ނޭންގޭކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އޭނާ ބުނި ގޮތުގައި މި ފަދަ މަސްވެރި ކޮލެޖެއް އުފައްދައި އަދުގެ ޒުވާނުންނަށް އެ ހުނަރު އުނގަންނައި ދެވިއްޖެނަމަ ދެ ގުނައަށް ރާއްޖޭގެ މަސްވެރިކަން ކުރިއަރައި ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް އިޤްތިސާދު ކުރިއަރުވަން ބަރޯސާ ވާކަށް ނުޖެހޭނެއެވެ.

ސާޖިން ބުނީ މިހާރު ރާއްޖޭގައި އޮންނަނީ ކުރީގެ މަސްވެރިކަން ނޫން ކަމަށެވެ. މިހާރު އެެއަށް ވުރެ މާބޮޑަށް މަސްވެރިކަން ތަރައްގީވެފައިވާ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އެހެން ކަމުން ސިނާއަތް ކުރިއަރާވަރަކަށް މީހުން ތަރައްގީވާން ވެސް މި ކޮލެޖަކީ މުހިންމު ތަނެއްކަން އޭނާ ފާހަގަ ކުރިއެވެ.

މި ކޮލެޖުގެ ސަބަބުން ގިނަ ފައިދާ ތަކެއް ލިބޭނެ ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް މާލޭގައި މި ކޮލެޖު ފަށައިފިނަމަ އެކަމުގެ ފައިދާއެއް ނެތް ކަމަށާއި، ގިނަ މަސްވެރިން ދިރިއުޅެނީ އަތޮޅުތެރޭގައި ކަމަށްވުމުން މާލެ އައިސް ކިޔަވަން ދާން ޖެހުން ވާނީ ބޮޑު ތަކުލީފަކަށް ކަމަށް ބުނެ ބައެއް މީހުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

އެގޮތުން ދާދިފަހުން އައްޑޫގެ މޭޔަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް އޭނާ ވަނީ "އަތޮޅުތެރޭ ތިއްބެވި މަސްވެރިން ވެސް ނުވަތަ ޝައުގުވެރިވާ އެހެން ބޭފުޅުން ވެސް މާލެ ގެންދަން ނުވަތަ މާލެ ތޮއްޖައްސަން އިތުރު ސިޔާސަތެއް އައުމަކީ ރަނގަޅު ނިންމުމެއް ނޫން," ކަމަށް ވިދާޅުވެފައެވެ.

އަދި އެކަމުގައި ރަނގަޅު ނިޔަތެއް އޮތް ކަމަށް ގަބޫލު ކުރެވޭނީ އައްޑޫ، ހުވަދޫ ނުވަތަ އެހެން އަތޮޅެއްގައި އެކަން ކުރި ނަމަ ކަމަށް ގަބޫލު ކުރައްވައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަމަށް ރައްދު ދެއްވައި ފިޝަރީޒްގެ ނައިބު މިނިސްޓަރު އަމްޒަތު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެމްއެންޔޫއާ ވާހަކަ ދައްކައިގެން އޮންލައިންކޮށް ވެސް އަދި އެމްއެންޔޫގެ އަތޮޅުތެރޭގެ ކެމްޕަސް ތަކުގައި ވެސް މި ކޯސްތައް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ކަމެއް ފަށަނީ. ކަމެއް ފަށާއިރު ހުރިހާ ހިސާބެއްގަ ފެށުމަކީ އުނދަގު ކަމަކަށް ވާނެ، ކުރިއަށް އޮތް ތަނުގަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓާގެޓަކީ ދޯނީގަ ހުންނަ ފަޅުވެރިޔާއަށް ވެސް. އަޅުގަނޑުމެންގެ އޮންލައިން ކުލާސް ތަކުގައި ބައިވެރިވެގެން މައުލޫމާތާއި ހުނަރާއި މުއްސަނދުކުރުމަށް ކިޔަވަން ހުޅުވައިދެވެން ހުރި ހުރިހާ ފުރުސަތުތަކެއް ހުޅުވައިލުން،" އަމްޒަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ޤައުމީ ޔުނިވާސިޓީގައި އެކި ގޮތްގޮތަށް ކިޔަވައިދޭ ކަމަށެވެ. އެގޮތުން، ހައިބްރިޑް މޮޑެލް، އޮންލައިން ކޮށް އަދި ބްލޮކް މޯޑަށް ކިޔަވައިދޭކަން ވެސް އޭނާ ފާހަގަ ކުރިއެވެ. އެހެންވެ މުހިންމީ ކޮލެޖުގެ ފިޒިކަލް ފެސިލިޓީ ވަކި ތަނެއްގަ ހުރުމެއް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފިޝަރީޒް ކޮލެޖު ގާއިމު ކުރަން އެމްއެންޔޫ އާ ފިޝަރީޒް މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުން--

އޭނާ ވިދާޅުވީ މިއީ އެމްއެންޔޫއާ ގުޅިގެން މުޅިން އަލަށް ހުޅުވައި ފެކަލްޓީއެއް ކަމަށެވެ. އެހެން ކަމުން އެމްއެންޔޫއަށް މިނިސްޓްރީގެ ފަރާތުން ދެވެން އޮތް ފުރިހަމަ އެއްބާރުލުމެއް ދޭނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެއީ ޓެކްނޮލޮޖީގެ އެހީ، ފައިސާގެ އެހީ، ނުވަތަ ރިސާޗު އެހީވިޔަސް ދެވުނު ހުރިހާ އެހީއެއް ކޮލެޖަށް ދޭނެކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ފިޝަރީޒް ކޮލެޖު، ސަރުކާރުގެ ޕުލޭނާ އެއްގޮތަށް ކުރިއަށް ގެންގޮސްފި ނަމަ ރާއްޖޭގެ މަސްވެރިކަމުުގެ ސިނާއަތް ނުހަނު ކުރި އަރާނެއެވެ. އަދި ފަަތުރުވެރިކަމުގެ ދާއިރާއަށް މިހާރު ރާއްޖެ ބަރޯސާވާ ފަދައިން މަސްވެރިކަމަށްވެސް އޭރުން ދިވެހިންނަށް ބަރޯސާ ވެވޭނެއެވެ. އަދި އިންޓަނޭޝަނަލް ފެންވަރުގައި މި ސިނާއަތުގައި ފާހަގަ ކޮށްލެވޭ ޤައުމަކަށް ވެސް ރާއްޖެ ވާނެއެވެ.

އެހެން ނަމަވެސް ސުވާލަކީ އަދުގެ ޒުވާނުންގެ މިހާރުގެ 'މައިންޑް ސެޓް' އާއެކު މި ކޮލެޖަށް ހަމަ ފުރިހަމަ ތަރުހީބެއް ލިބިދާނެ ބާވައެވެ؟. ސަރުކާރުން ކުރިއަރުވަން ބޭނުންވާ ވަރަށް ސިނާއަތް ކުރިއަރައިފާނެ ބާވައެވެ؟.

comment ކޮމެންޓް