ނަތަންޔާހޫއާއި އިސްރާއީލުގެ ދިފާއީ ވަޒީރު ހައްޔަރުކުރުމުގެ އަމުރަކަށް އެދިއްޖެ

އައިސީސީގެ ޕްރޮސެކިއުޓަރު ކަރީމް އޭ.އޭ ޚާން. ފޮޓޯ/އިންގްލިޝް އަރަބިއާ

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އެދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ޕްރޮސިކިއުޓަރުން ހުށަހަޅައިފިއެވެ.

ނަތަންޔާހޫގެ އިތުރުން ޔަހޫދީ ދައުލަތުގެ ދިފާއީ ވަޒީރު ޔޯއޭވް ގަލާންޓް ހައްޔަރު ކުރުމުގެ އަމުރަކަށް ވެސް އައިސީސީގައި ވަނީ އެދިފައެވެ. މި މައްސަލަ ހުށަހަޅުއްވާފައިވަނީ އައިސީސީގެ ޕްރޮސެކިއުޓަރު ކަރީމް އޭއޭ ޚާން ކޭސީއެވެ.

އެ ކަމާ ގުޅިގެން ކަރީމް ޚާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނަތަންޔާހޫއާއި އޭނާގެ ދިފާއީ ވަޒީރު ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފައިވަނީ ހޯދާފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެ މައްސަލައާ ގުޅޭ ޝަރީއަތުގެ ކުރިން އެމީހުން ހައްޔަރުކުރެވޭ ވަރުގެ ހެކި ހުރިތޯ ފަނޑިޔާރުންގެ ޕެނަލަކުން ކަނޑައަޅާނެއެވެ.

ރަޝިއާ ޔޫކްރޭން ހަނގުރާމައިގައި ހަނގުރާމައިގެ ޖަރީމާތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހައްޔަރު ކުރުމުގެ އަމުރެއް ވެސް 2023 ވަނަ އަހަރު އައިސީސީން ނެރެފައިވެއެވެ. ނަމަވެސް އިއްޔެ އެޅި އެ ފިޔަވަޅަކީ މެދުއިރުމަތީގައި ހިނގި ހަމަނުޖެހުންތަކަށް ޚާން ވަދެވަޑައިގަތް ފުރަތަމަ ފަހަރެވެ.

ޚާންގެ އޮފީހުން އެއްކޮށްފައިވާ ހެކިތަކުން ދައްކާ ގޮތުގައި އިސްރާއީލުން ވަނީ ކާނާއާއި ފެނާއި ބޭހާއި ހަކަތަ ފަދަ އިންސާނުން ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ތަކެތި ލިބުމުން ފަލަސްތީނުގެ އާންމުން މަހުރޫމުކޮށްފައެވެ.

ނަތަންޔާހޫ އާއި އޭނާގެ ދިފާއީ ވަޒީރުގެ އިތުރުން ހަމާސް ޖަމާއަތުގެ ބައެއް އިސްވެރިން ހައްޔަރުކުރުމުގެ އަމުރަކަށް ވެސް އައިސީސީގެ ޕްރޮސިކިއުޓަރުން ވަނީ އެދިފައެވެ.

އައިސީސީގެ ނިންމުންތަކާއި ކޯޓު އަމުރުތައް ތަންފީޒު ކުރުމަށް ފުލުހުންގެ އިދާރާއެއް ގާއިމުކޮށްފައި ނެތް ނަމަވެސް، އައިސީސީގެ މެންބަރު ގައުމުތަކުގެ މައްޗަށް އެ ކޯޓުގެ ނިންމުންތަކާއި އަމުރުތައް ތަންފީޒު ކުރުން ލާޒިމު ކުރެއެވެ. ނަމަވެސް އެ ކޯޓުގެ އަމުރުތައް އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން ތަންފީޒު ކުރަމުންނެއްނުދެއެވެ.

comment ކޮމެންޓް