ބާލީސްތައް ދޮންނާކަށް ނުވޭތަ؟

ބޭނުންކުރާ ބާލީސް ގަވާއިދު ދޮވުމަކީ ބަލިތަކުން ދުރުކޮށްދޭނެ ކަމެއް -- ފޮޓޯ/މެޑްކްލައިން

ބާލީހަކީ ދިރިއުޅުމުގައި އެންމެ ގާތް އެކުވެރިޔާއޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެކަނިވެރިވާ ވަގުތު ވެސް ނުވަތަ ކަމަކާ މާޔޫސްވާ ވަގުތު ވެސް ބާލީހުގައި ބައްދާލުމަށް ފަހު ކަރުނައަޅާފައި ތިބި މީހުން މަދެއް ނުވާނެއެވެ.

ބޭނުންކުރާ ބާލީހުގެ އެތެރޭގައި ހުންނަ ސްޓަފިންގް ނުވަތަ ފިލިންސްއާ އިންސާނުންގެ ނޭވާ ހޮޅިތަކާ ގާތް ގުޅުމެއް އޮންނައިރު ބާލީސް ރަނގަޅަށް ސާފުކޮށް ނުބެލެހެއްޓޭނަމަ ނުވަތަ ގަވާއިދުން ބާލީސް ނުދޮންނަ ނަމަ އޭގެ ކަވަރު އަދި އެތެރޭގައި ޖަރާސީމު އުފެދުމުގެ ފުރުސަތު ބޮޑެވެ.

މި ޖަރާސީމުގެ ސަބަބުން ނޭވާ ހިއްލުމުގެ ބަލިތައް ޖެހި އަރިދަފުސް ބަލި އަވަސް އަވަހަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ތަފާތު އެކި ދިރާސާތަކުން ދައްކައެވެ.

ބަލީސްތަކެއް ދޮވުމަށް ފަހު ހިއްކަން އަވީގައި ބަހައްޓާފައި -- ފޮޓޯ/ބެޓަހޯމްއެންޑްގާޑެންސް

ބާލީހުގައި ގިނަ ޢަދަދަކަށް ފިލިން މެޓީރިއަލް ހުރުމުގެ ސަބަބުން ލައިސޯލް ސްޕްރޭކުރުން ފަދަ އާއްމުކޮށް ޑިސްއިންފެކްޓްކުރާ ގޮތްތަކަށް އަސަރުނުކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ބާލީހުން ނުބައި ވަސް ދުވުމާއި ބެކްޓީރިއާ ޖަމާވިޔަ ނުދިނުމަށްޓަކައި އާދަވެގެން ބާލީސްތައް ސާފުކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

މީގެ ތެރެއިން ވެސް، ފިޔަ ނުވަތަ މެމޮރީ ފޯމްފަދަ ވަކި ވައްތަރެއްގެ ފިލިން ހުންނަ ބާލީސްތައް ސާފުކަންމަތީ ބެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ނުދެވިއްޖެނަމަ ބަލިތަކަށް ތިމާ ނުވަތަ އާއިލާގެ މެންބަރުން ހުށަހެޅުމުގެ ފުރުސަތު ބޮޑެވެ.

އެނދުގައި އަޅާފައި އޮންނަ ބެޑްޝީޓުތަކާ އެކު ބާލީސް އުރަތައް ދޮންނަން ޚާއްސަ ސަމާލުކަމެއްދޭ ގޮތަށް ގެންގުޅޭ ބާލީސްތައް ދޮވެލުމަށް ވެސް ޚާއްސަ ސަމާލުކަމެއް ދެވިދާނެއެވެ. ބާލީސްތައް އުފައްދާފައި ހުންނަ ގޮތުން ބާލީސްތައް ދޮންނަން ވަކި މުއްދަތެއް ކަނޑައެޅިފައިވާއިރު އާއްމު ގޮތެއްގައި ބާލީސްތައް މަދުވެގެން އަހަރަކު ދެ ފަހަރު ދޮވެވިދާނެއެވެ.

ދޮންނަ މެޝިނުން ބާލީސް ދޮންނަނަމަ ސަމާލުކަން ދިނުން މުހިއްމު ކަންތައްތައް ހުރޭ -- ފޮޓޯ/ޕިންޓްރެސްޓް

އެނދުގައި ނިދަން ގެންގުޅޭ ބާލީސްތަކުގެ އިތުރުން ސޯފާގައި ގެންގުޅޭ ކުޝަންތައް ނުވަތަ އެހެނިހެން ޚާއްސަ ބާލީސްތައް ދޮންނަ މިންވަރު ބަރޯސާވަނީ އެ ތަކެތި ބޭނުންކުރާ ގޮތާއި ބޭނުންކުރާ ހާލަތްތަކަށް ބަލާފައެވެ. އެނދުގައި ކާނަމަ ނުވަތަ ސޯފާގައި ކާން އިންނައިރު ބާލީސް ބޭނުންކުރާ ކަމަށްވަންޏާ ކޮންމެ ތިން މަހަކުން ނުވަތަ ހަ މަހަކުން ބާލީސްތައް ދޮންނަން ސަމާލުކަންދޭންވާނެއެވެ.

ދެން އުފެދޭ ސުވާލަކީ ބާލީސްތައް ދޮންނަން އަމަލުކުރަންވީ ގޮތާ މެދުގައެވެ. ބާލީހެއް ސާފުކުރުމަކީ އުނދަގޫކަމެއް ނޫން ނަމަވެސް ސާފުކުރާނެ އެންމެ ރަނގަޅު ގޮތް ކަނޑައެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޚާއްސަކޮށް ދޮންނަ މެޝިނަކުން ބާލީސް ދޮންނަނަމަ އޭގައި ދެވިފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

ބާލީސް ދޮންނައިރު އާދައިގެ ފެނުގެ ބަދަލުގައި ތާފަނާ ފެން ބޭނުންކުރެވިދާނެއެވެ. އާދަވެގެން އެއްޗެހި ދޮންނަން ބޭނުންކުރާ ވަރަށް ވުރެ ދެބައިކުޅަ އެއްބައި މަދުން ދޮންނަކުޑި އެޅުމަށް ފަހު ދެ ބާލީސް އެއްކޮށް ދޮންނަން އެޅިދާނެއެވެ. ބައެއް ބާލީސްތަކުގައި ހުންނަ ފިލިންގެ ސަބަބުން އޯމޯ އަދި ފެން ރަނގަޅަށް ނުހިކުމުގެ ފުރުސަތު ބޮޑުވެދާނެތި ބާލީސްތައް ދޮންނަން އެއް ބުރު އިތުރުކޮށްލެވިދާނެއެވެ.

comment ކޮމެންޓް