ދޯންޏަށް އެރި ރާޅާއެކު ގެއްލި ތިން ދުވަސް، ބިރުބޮޑު ދަތުރެއް!

ގެއްލުނު ދޯނީގައި ދަތުރުކުރި ހުސައިން އަލީ: ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަނިކޮށް ދޯނިން މުވާސަލާތީ ގުޅުން ކެނޑި، ތިން ދުވަސް ހޭދަކުރަން ޖެހުނު -- ފޮޓޯ/ އެމްއެންޑީއެފް

މިދިޔަ ހޮނިހިރު ދުވަހު ތިން ބިދޭސީންނާއެކު ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިސޯޓަށް ހުސައިން އަލީ ދަތުރު ފެށީ މުދާ ސަޕްލައި ކުރުމަށެވެ. މި ދުވަސްވަރު ކުރާ ވިއްސާރައާ ގުޅިގެން ކަނޑުތައް ގަދަވެ، މޫސުމާ ގުޅޭ ގައުމީ އިދާރާއިން އެލާޓްތައް ނެރުނު ނަމަވެސް އެމީހުންގެ ދަތުރު ފެށީ މޫސުން ރީތި ކަމަށް ދެއްކުމުންނެވެ.

އުންމީދު ކުރި ގޮތާ ޚިލާފަށް މި ދަތުރުވީ އުމުރުގައި ވެސް ތަޖުރިބާ ނުކުރާ ފަދަ ބިރުވެރި ދަތުރަކަށެވެ. ދޯންޏަށް އެރި ރާޅާއެކު ތިން ދުވަހަށް ކަނޑު މައްޗަށް ގެއްލި ކުރެވުނު ތަޖުރިބާ ހުސައިން އަލީގެ ހަނދާނުން ނުފިލާނެއެވެ.

އޭނާ ވަނީ މި ތަޖުރިބާ "ސަން"އާ ހިއްސާކޮށްފައެވެ. ހޮނިހިރު ދުވަހު ރިސޯޓަށް މުދާ އުފުލަން ފެށި ދަތުރުގެ ވަކި ހިސާބަކުން އެމީހުންނާ ބައްދަލު ކުރީ ކަޅު ވިލާގަނޑެކެވެ. ގަދަ ވަޔާއެކު ރުޅި ގަދަވެފައިވާ ރާޅުތަކެވެ.

ކުއްލިއަކަށް މޫސުން ގޯސްވެ ހުސައިން އަލީމެން ދުއްވި ސަޕްލައި ދޯނި ދުއްވަން އުނދަގޫވާ ވަރަށް ކަނޑު ގަދަވެއްޖެއެވެ. ދޯންޏަށް ރާޅު އަރައި އިސާހިތަކު ކަނޑު މައްޗަށް ބެހެން ފަށައިފިއެވެ. އޭރު އެމީހުންނަށް ރޭންޖު ވެސް ވަނީ ގެއްލިފައެވެ.

"ވަރަށް ދެރަވި. މީހަކާ ވެސް ގުޅޭގޮތް ނުވީމަ އާއިލާ މީހުންނާއި ލޯބިވާ މީހުން މަތިން ހަނދާންވާނެތާ،" އޭނާ ބުންޏެވެ.

އެ ހިތާމައިގައި ހުއްޓާ، ކަނޑުގެ ބިޔަ ރާޅުތަކުތެރޭ ބެހިގެން ދާން ފެށުމުން އޭނާއާއި އެކުގައި ތިބި ފަޅުވެރިން ވެސް ބިރުގަތެވެ. އޭރު ދޯންޏަށް ރާޅު އަރައި، ދޯނީގައި ހުރި ސާމާނަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.

ބިރުގަތް ނަމަވެސް ހުސައިން އަލީ އަމިއްލަ ނަފުސަށް ވިސްނައިދިނީ ސަލާމަތް ވާނެކަމަށެވެ. ހިކިފަސްތަނެއް ފެންނަން ނެތުމުން ފަޅުވެރިން ވެސް ބިރުގަތް ނަމަވެސް، އޭނާ އެމީހުންނަށް ވިސްނައިދިނީ އަދި ސަލާމަތް ވާނެ ކަމަށެވެ.

ކަނޑުމަތީ ބެހިގެން ދިޔަ އިރު ގޮތް ހުސްވެފައި ތިބި ހުސައިން އަލީ އާއި އޭނާގެ ފަޅުވެރިން ކެއީ ދޯނީގައި ހުރި ކާއެއްޗިއްސެވެ. އަދި މީހަކަށް ގެއްލުމެއް ނުވެ ސަލާމަތުން އާއިލާއާ ހަމައަށް ދެވޭނެ ކަމަށް ދުއާ ކުރިއެވެ.

"ބިރުގަނެގެން ވާނެ ކަމެއް ނޯންނާނެތާ. އެހެންވީމަ ދެން އަމިއްލައަށް ހަމަ އެހެން ވިސްނީ. އެކުދިން ވެސް ބިރުގަތީމައި ހަމަ ވާހަކަ ދައްކައިގެން ހަމައަކަށް އެޅުނީ ފަހުން،" ހުސައިން އަލީ ބުންޏެވެ.

ހުސައިން އަލީމެން ދަތުރު ކުރި ދޯނި ގެއްލުމާއެކު އެދުވަހު ސިފައިން ހަރަކާތްތެރި ވާން ފެށިއެވެ.

"މިއަދު ސިފައިންނާ ވެސް ކޮންޓެކްޓްވީ. ސިފައިން ވަގުތުން އައި. އައިސް އަޅުގަނޑުމެންގެ ފަރާތުން ބޭނުންވާ މައުލޫމާތުތައް ނެގި،" އޭއޭއޭ-37 ނަމަކަށް ކިޔާ ދޯނި ސިފައިންނާ ގުޅުމުން، ދެން ދިޔައީ ވ. ރަކީދޫއަށެވެ. އެރަށުގައި ބަނދަރު ކުރުމަށް ފަހު މާގިނަ އިރުތަކެއް ނުވެ އަލުން ދަތުރަށް ފަށައިފިއެވެ.

މި ތަޖުރިބާއިން އޭނާއަށް ދަސްވީ އުންމީދު އެލުވައި ނުލުމަށް ކަމަށް ހުސައިން އަލީ ބުންޏެވެ.

"ފަހުން ހަމަ ހިތަށް އެރީ ހަމަޖެހިލައިގެން މިކަމުން ސަލާމަތް ވޭތޯ އުންމީދު ކުރާނީއޭ."

ބިރުވެރި ތަޖުރިބާއަކަށް ފަހު ހުސައިން އަލީއާއި އޭނާގެ ފަޅުވެރިން އަނެއްކާ ވެސް ނުކުތީ ކަނޑުމައްޗަށެވެ. އަލުން އެނބުރި މަސައްކަތަށެވެ.

https://sun.mv/192204

މި ދުވަސްވަރު ކުރާ ވިއްސާރައާ ގުޅިގެން ކަނޑުތައް ގަދަވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ. އަދި، މިއީ ސްކޫލު ބަންދު ދުވަސްވަރަށް ވުމުން ގިނަ ބަޔަކު ދަތުރު ކުރާތީ، މެޓުން ނެރޭ އެލާޓުތަކަށް ސަމާލު ވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް