ކޭޕާކް މައްސަލައިގައި ގާސިމްގެ ދަރިކަނބަލުންނަށް 1.9 މިލިއަން ރުފިޔާ ދޭން ހުކުމްކޮށްފި

ގާސިމްގެ ދަރިކަނބަލުން ޚަދީޖާ ސަނާ: އޭނާއަށް ބަދަލު ދޭން ކޯޓުން ވަނީ ހުކުމްކޮށްފައި -- ފޮޓޯ/ ވީ

ކޭޕާކް ފުލެޓުތައް ބުނި ތާރީޚުގައި ދޫނުކުރެވުމުގެ ސަބަބުން ކުއްޔަށް ދިރިއުޅެން ޖެހުމުން ހޭދަކުރަން ޖެހުނު ފައިސާގެ ބަދަލުގެ ގޮތުގައި ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ޚަދީޖާ ސަނާއަށް 1.9 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އޮޅުވާލައިގެން ކޭޕާކު ފުލެޓުތައް ގިނަ ބަޔަކަށް ވިއްކާ، އެ ފައިސާ އަތުލިކަމުގެ ތުހުމަތުގައި އެ މަޝްރޫއު ހިންގުމުގައި އިސްކޮށް ހުރި ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ވަނީ ކޮންމެ މުއާމަލާތަކާ ގުޅިގެން ވަކިވަކިން ދައުވާކޮށްފައެވެ.

ސަނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ، އެއްބަސްވުމާ އެއްގޮތަށް އެ މަޝްރޫއު ހިންގި ހަމްބޯ ކުންފުނިން އަމަލުކޮށްފައިނުވާ ކަމަށެވެ. އަދި، އެއްބަސްވުމާ އެއްގޮތަށް، ފުލެޓުތައް ހަވާލުކުރަން އެއްބަސްވި މުއްދަތުގައި އެ ތަންތަން ހަވާލުކޮށްފައިނުވާ ކަމަށެވެ.

އެހެންވެ، އެ އެޕާޓްމެންޓު ހަވާލުނުކުރުމުގެ ސަބަބުން ކުލީގެ ގޮތުގައި ހޭދަކުރަންޖެހުނު ފައިސާ ބަދަލުގެ ގޮތުގައި ހޯދަން ސަނާ ވަނީ ދައުވާކޮށްފައެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ، ބަދަލުގެ ގޮތުގައި ޖުމުލަ 1.9 މިލިއަން ރުފިޔާ ދައްކަން ހަމްބޯ ކުންފުނީގެ މައްޗަށް ހުކުމްކޮށްފައެވެ. އެއީ:

  • ކުލީގެ ގޮތުގައި އެހެން ފަރާތްތަކަށް ދައްކަން ޖެހުނު: 998،200 ރުފިޔާ އާއި 58،733 ޑޮލަރު (905،662 ރުފިޔާ)
  • ޝަރީއަތުގެ ޚަރަދުގެ ގޮތުގައި: 12،000 ރުފިޔާ

އެހެންވެ، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކާ ހަލާސްކުރަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެކަމަކު، އެ މައްސަލައިގައި ތިންވަނަ ފަރާތެއްގެ ހައްގު އެ އެޕާޓްމަންޓުގެ މައްޗަށް އުފުދޭނެ އެއްވެސް ކަމެއް ކުރިއަނުދޭން އެދި ނެރެދޭން އެދުނު ވަގުތީ އަމުރު ނެރެނުދޭން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް