ސްކޭމް ގިނަވަނީ 'ކޮމްޕިއުޓަރު ޕްރޮގްރާމް'ގެ މައްސަލައަކުން، ބޭންކުގެ ޒިންމާ ނަގަންޖެހޭ: ގާސިމް

މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް: އެމަނިކުފާނު ވިދާޅުވީ ސްކޭމް ގިނަ ވަނީ ކޮމްޕިއުޓަރު ޕްރޮގްރާމްގެ މައްސަލައަކުން ކަމަށް -- ފޮޓޯ/ މަޖިލިސް

ސްކޭމްގެ މައްސަލަތަކުގައި ބޭންކު އެކައުންޓުތަކުގައި ދައުރުވާ ފައިސާގެ މައްސަލަތައް އިތުރުވަނީ "ކޮމްޕިއުޓަރު ޕްރޮގްރާމްގައި" ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ގާސިމް މިފަދައިން ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައި އޮތް ސްކޭމްގެ މައްސަލަތަކުގައި ބޭންކު އެކައުންޓުތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލާ، ފުލުހުންނަށް ހުއްޓުވޭގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހަށް ބަހުސްކުރައްވަމުންނެވެ.

މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.

މިއަދުގެ ޖަލްސާގައި އެ އިސްލާހުގެ ބިލުގެ ބަހުސްކުރިއަށް ދިޔަ ވަގުތު މެންބަރު ގާސިމް ވިދާޅުވީ، މިއަދު ރާއްޖޭގައި ނަހަމަ ގޮތުގައި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވާ މައްސަލަ އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި، އެހާވަރަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ސްކޭމްތައް ހިންގާ ވާހަކައެއް ނީވޭ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

މީގެ ކުރިން ބޭންކަށް ގޮސް، ބޭންކު ޗެކު މެދުވެރިކޮށް ފައިސާ އެއް އެކައުންޓުން އަނެއް އެކައުންޓަށް ޖަމާކުރި ޒަމާނުގައި އެފަދަ މައްސަލަތަކެއް ނޫޅޭ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އެހެންނަމަވެސް ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސް، [އޭޓީއެމް] މެޝިންތަކާއި ކްރެޑިޓް ކާޑުތައް ބޭނުންކޮށްގެންނާއި ރައްޔިތުންނަށް ފަސޭހަ ގޮތްގޮތަށް ފައިސާ ޖަމާކުރެވެން ފެށުމުން މި މައްސަލަތައް ދިމާވެގެން އުޅެނީ ކަމަށް ގާސިމް ވިދާޅުވިއެވެ.

އިސްލާހެއް ގެނަޔަސް ނުގެނަޔަސް ބޭންކުގެ ޒިންމާއެއް، ބޭންކުގައި ހުންނަ މީހުންގެ ފައިސާ ރައްކާތެރިކޮށް ބެހެއްޓޭނެ ނިޒާމެއް ކަނޑައަޅައިގެން ގެންދިޔުމުގެ މައްޗަށް ކަންތައްތައް ކުރެއްވުން. އެއީ އަޅުގަނޑު ގަބޫލުކުރާ އެއް ހަމައެއް. އެއީ ކޮމްޕިއުޓަރު ޕްރޮގްރާމްގައި [ސޮފްޓްވެއާ] ހުރި މައްސަލައެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް

ގާސިމް ވިދާޅުވީ، އެ ސްކޭމްތަކުގެ ޒިންމާ ނަގަންޖެހޭނީ ބޭންކުތަކުން ކަމަށެވެ. އަދި، އެކަމަށްޓަކައި ބޭންކިން ގާނޫނަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ބޭންކުތަކުން ގެންގުޅޭ ސޮފްޓްވެއާތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އެ ނޫން ގޮތަކަށް އެކަން ކުރަން ހުއްދަ ދީފިނަމަ އަނެއްކާ ވެސް އެ ކަމަށް ހައްލެއް ނުލިބޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެތައް މިލިއަން ރުފިޔާއެއް އެތައް އަހަރެއް ތެރޭ ގެއްލިގެން ދިޔައިރު، އެ ފައިސާ ހޯދަން ބޭންކް އޮފް މޯލްޑިވްސް ނުވަތަ އެހެން ބޭންކަކުން ކުރި މަސައްކަތެއް އޮތްތޯ ބަލަންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރަނގަޅަށް ވިސްނުމަށް ފަހު، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގައި އަޅުގަނޑު ވެސް ތާއީދުކުރާ ވާހަކަ ދަންނަވާލަމުން އަދި މިހާރު ހުށަހެޅިފައި އޮތް އިސްލާހުން އޭގެން ހައްލެއް ނުލިބޭކަމަށް ވެސް އަޅުގަނޑުމެން ބަލައިގަންނަން އެބަޖެހޭ، މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް

މި އިސްލާހު ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށެވެ. އެ މާއްދާގައިވަނީ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމާއި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމެވެ.

މިހާރު އޮންނަ ގޮތުން ނަމަ ޖިނާއީ ބޮޑު ކުށެއް ފާހަގަވާކަމަށްވާނަމަ އެ އެކައުންޓުގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް އަމުރެއް ނެރެވޭނީ ކޯޓު އަމުރަކަށް ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަކަމަށެވެ.

އެހެންނަމަވެސް، އެ އިސްލާހާ އެކު ސްކޭމްގެ މައްސަލަތަކުގައި އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ އަމުރެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ނެރެވިދާނެކަން ބަޔާންކޮށްފައިވެއެވެ. އަދި، އެފަދަ އަމުރެއް ނެރެން ވާނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއް ކަމަށް އިސްލާހުގައިވެއެވެ.

ހަމައެއާއެކު އެކައުންޓު ހިފެހެއްޓުމުގެ އަމުރު ލަސްނުކޮށް އެކައުންޓް ހުޅުވާފައިވާ ބޭންކު ނުވަތަ އިދާރާއަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް އަންގަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

comment ކޮމެންޓް