މިދިޔަ 6 މަހުގެ ތެރޭގައި 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް

ފުލުހުން ހިންގި އޮޕަރޭޟަނެއްގައި އަތުލައިގަތް 13 ކިލޯ މަސްތުވާތަކެއްޗާއި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ: އެތަކެއްޗާ އެކަކު ވަނީ ހަވާލުވެފައި --- ފޮޓޯ: ފުލުހުން

މި ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް 309 އޮޕަރޭޝަނެއް ހިންގައި، 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ވަނީ އެ ޚިދުމަތުން މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ފާހަގަކޮށް، އެ މަސައްކަތްތަކުގެ ތަފާސްހިސާބުތަކެއް އާންމުކޮށްފައެވެ.

މީގެ ތެރެއިން މަސްތުވާތަކެތީގެ 35 ކިލޯ އަތުލައިގަތްއިރު، ރާއްޖޭގައި ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ.

މި ދިޔަ ހަ މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން، ވައްކަމުގެ މައްސަލަތަކުގައި ހަތަރު މިލިއަނެއްހާ ރުފިޔާ އަނބުރާ ހޯދައިފާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކުގައި ޝާމިލުވި 50 މީހަކު ޑީޕޯޓުކުރުމަށް މޯލްޑީވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ ޚިދުމަތުގެ މައިގަނޑު އެއް އަސާސްކަމުގައި ޖިނާއީ ތަހުގީގު ކުރުމަށް ބަލާއިރު، ކާމިޔާބު މަސައްކަތަކެެއް ކުރެވިފައިވާ ކަމަށެވެ.

އެ ގޮތުން މި މުއްދަތުގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން، 554 މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި ކުރީން ތަހުގީގު ކޮށްފައިވާ 42 މައްސަލައެއްގައި ކޯޓު މަރުހަލާގައި ހުކުމްކޮށްފައިވާއިރު، މި މައްސަލަތަކުގައި 3،691 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ އިދާރާއަކީ ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ތަނަކަށް ހެދުމަށް ޓަކައި ދެމުންގެންދާ އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ތެރެއިން 905 ޕްރޮގްރާމެއް މުޅި ރާއްޖޭގައި ހިންގާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ރައްޔިތުންނަށް ޚާއްސަކޮށްގެން 252 ޕްރޮގްރާމެއް ހިންގާފައިވާއިރު، ކުށުން ރައްކާތެރިކުރުވުމަށް ރައްޔިތުންނަށް މައުލޫމާތު ދިނުމާއި ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި މުއްދަތުގައި ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި، 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސެކިއުރިޓީ ބަލަހައްޓައި، ވޯޓުލުމަށް އަމާން މާހައުލެއް ގާއިމުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާއެކު ކާމިޔާބު މަސައްކަތްތަކެއް ވަނީ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން އެކި ދާއިރާތަކުން ފުލުހުންނަށް ތަމްރީނުދިނުމަށްޓަކައި ރާއްޖޭން ބޭރުން ޖުމްލަ 142 ޕްރޮގްރާމެއްގައި 899 މުވައްޒަފުން ތަމްރީނުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެެވެ.

އޭގެ އިތުރުން، ކޮންމެ ރަށެއްގައި ވެސް ފުލުހުން ގާއިމުވެތިބެ ޚިދުމަތްދިނުމާއި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ރަށްރަށުގައި 19 ޕޮލިސް ޕޯސްޓު އަލަށް ހުޅުވާފައިވެއެވެ. އަދި އިތުރު 12 ޕޮލިސް ޕޯސްޓު މި އަހަރުގެ ތެރޭގައި ހުޅުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

comment ކޮމެންޓް