ރައީސީ އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ

އީރާނުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާ ގުޅިގެން ދިވެހި ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާ އެކު ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި ރައީސީއާއި އެ ގައުމުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުލްހައްޔާން ވެސް އަވަހާރިވަކަން މިހާރު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އީރާންގެ ރައީސް ރައީސީ އަވަހާރަވުމާ ގުޅިގެން ރަސްމީ ގޮތުން ހިތާމަފާޅުކޮށް، ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އެހެންވެ، ބުރާސްފަތި ދުވަހުގެ ނިޔަލަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ވަނީ ނިންމައިފައެވެ.

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު އެކްސިޑެންޓުވެ، ގެއްލިގެން ހޯދަމުންދަނިކޮށް އޭގެ ބައިބައި ފެނިފައިވަނީ މިއަދުއެވެ. އެ ގައުމުގެ ރެޑް ކްރެސެންޓުން ބުނާ ގޮތުގައި އެ ސަރަހައްދުގައި ދިރުމުގެ ނިޝާނެއް ނެތެވެ. އެ މަނިކުފާނާއި އެ ބޯޓުން ދަތުރުކުރި އެންމެން އަވަހާރަވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

މި ހާދިސާގައި ޖުމުލަ ނުވަ މީހުން އަވަހާރަވެފައިވާ ކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ. އެ ބޭފުޅުން ދަތުރުކުރެއްވި ހެލިކޮޕްޓަރު އޮތީ އެއްކޮށް ހަލާކުވެ، އަނދާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އީރާންގެ ގާނޫނު ބުނާ ގޮތުން، ރައީސް ރައީސީ އަވަހާރަވުމުން އެ ޒިންމާތަކާ ހަވާލުވާނީ ނައިބު ރައީސެވެ. އަދި، ރައީސްގެ މަގާމު ހުސްވާތާ 50 ދުވަހުގެ ތެރޭގައި އާ ރައީސެއް އިންތިޚާބުކުރަން ޖެހޭނެއެވެ.

އީރާންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވެއްޓުނު ހެލިކޮޕްޓަރުގައި ރައީސްގެ އިތުރުން ވެސް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ތިއްބެވިއެވެ. އޭގެ ތެރޭގައި:

  • ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުލްހައްޔާން
  • އީސްޓް އަޒަރުބައިޖާން ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހުމަތީ
  • ތަބްރީޒް ޕްރޮވިންސުގެ އިމާމް މުހައްމަދު އަލީ އަލް ހާޝިމް

އީރާންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެކަމަކު، ހާދިސާ ހިންގަން މެދުވެރިވީ ސަބަބެއް ވެސް އަދި ހާދިސާ ހިނގި ގޮތުގެ ވެސް މާ ބޮޑު ތަފުސީލުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް