ކުޅުދުއްފުށީގައި މައްސަލަ ޖެހުނު އިންޖީނު މަރާމާތު ކުރަނީ

ކުޅުދުއްފުށި ސިޓީ --

ކުޅުދުއްފުށީ ސިޓީގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ އިންޖީނަކަށް ދިމާވި މައްސަލަ ހައްލުކޮށް، އެ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ފޯރުކޮށްދޭން މަސައްކަތް ކުރާކަމަށް ކުޅުދުއްފުށީ ފެނަކަ ބްރާންޗުން ބުނެފިއެވެ.

އާބާދީ ބޮޑު ކުޅުދުއްފުށީގައި ކަރަންޓުގެ މައްސަލަ ބޮޑުވެ، ކަރަންޓު ކަނޑާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. 800 ކިލޯވޮޓުގެ އިންޖީނެއް ގެނެސް، މިދިޔަ މަހު މައްސަލައަށް ދާއިމީ ހައްލެއް ހޯދިއެވެ. ނަމަވެސް އަނެއްކާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ އެއް މެގަވޮޓްގެ އިންޖީނަކަށް މައްސަލައެއް ދިމާވެ ކަރަންޓު ކަނޑާފައެވެ.

ކުޅުދުއްފުށީ ފެނަކަ ބްރާންޗްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މައްސަލަ ދިމާވި އިންޖީނު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކަރަންޓު ނުކަނޑާ ކަމަށާއި ނަމަވެސް، މައްސަލައެއް ދިމާވެ ކަރަންޓު ކަނޑަން ޖެހިއްޖެ ހާލަތެއްގައި ކަރަންޓު ކަނޑަން މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަސައްކަތް ކުރަނީ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެވޭތޯ ކަމަށެވެ.

ރަށްރަށުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް މި ދުވަސްވަރު ވަނީ އާންމުވެފައެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ މި ސަރުކާރުން ހަވާލުވީއިރު ފެނަކަ އިންޖީނުގެތައް ހުރީ ވަރަށް ހާލުގައި ކަމަށެވެ. މި މައްސަކަތަކަށް ހައްލު ގެންނަން މަސައްކަތް ކުރާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް