''މައުންޓް އިބޫ'' ގޮވާތީ، އިންޑޮނޭޝިއާގެ 7 ސަރަހައްދަކުން މީހުން ހުސްކޮށްފި

އިންޑޮނޭޝިއާގެ މައުންޓް އީބޫ ގޮވަނީ -- ފޮޓޯ/ރޮއިޓާސް

އިންޑޮނޭޝިއާގެ ހަލްމަހޭރާގައި އޮންނަ އަލިފާން ފަރުބަދަ, "މައުންޓް އީބޫ" ގޮވަން ފެށުމާ ގުޅިގެން, އެ ފަރުބަދަ ކައިރި ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހަލްމަހޭރާއަކީ ވަކިން އޮންނަ ރަށެކެވެ. އެ ހާދިސާއާ ގުޅިގެން ހަތް ސަރަހައްދަކުން މީހުން ވަނީ ހުސްކޮށްފައެވެ.

އިންޑޮނޭޝިއާގެ އަލިފާން ފަރުބަދަތަކާ ބެހޭ އިދާރާއިން ބުނީ, މައުންޓް އިބޫ ގޮވަން ފަށާފައިވަނީ މޭ 18ވަނަ ދުވަހުއެވެ. އެ ގޮވުމާ އެކު ދިޔާ އަލިފާނާއި އަޅި ފައިބަން ފަށައިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އަލިފާން ފަރުބަދަ ގޮވަން ފެށުމާ އެކު ހަތަރު ކިލޯމީޓަރު މައްޗަށް އަޅިޔާއި ދުން އަރަމުންދާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. އެ ސަރަހައްދުގެ މޫސުން ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތުގައި އިންޑޮނޭޝިއާގެ ފުލުހުންނާއި އަސްކަރިއްޔާގެ އިތުރުން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ބައިވެރިވާ ކަމުގައި ކާރިސާތަކާ ބެހޭ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ ޢަބްދުލް މުހާރީ ވިދާޅުވިއެވެ.

މައުންޓް އީބޫ ގޮވަން ފަށާފައިވަނީ, އަލިފާން ފަރުބަދަތަކާ ގުޅޭ އިދާރާއިން އެ ކަމުގެ އިންޒާރު ދީފައިވަނިކޮށެވެ.

އިންޑޮނީޝިޔާއަކީ އަލިފާން ފަރުބަދަތައް ގިނަ 'ޕެސިފިކް ރިންގް އޮފް ފަޔާ'ގެ ނަން ދީފައިވާ ސަރަހައްދުގައި އޮންނަ ގައުމެކެވެ. އެ ސަރަހައްދުގައި 127 އަލިފާން ފަރުބަދަ ހުރެއެވެ.

އިންޑޮނޭޝިއާގެ ހުޅަނގު ސުމާތްރާގައި އޮންނަ އަލިފާން ފަރުބަދަ, މައުންޓް މަރާޕީ ވެސް ދާދި ފަހުން ވަނީ ގޮވަން ފަށައިފައެވެ. އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދަށް ބަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެފައެވެ. ފެންބޮޑުވުމުގެ ހާދިސާގައި 60 މީހުން މަރުވެސްވެފައިވެއެވެ.

އޭގެ އިތުރުން، އިންޑޮނޭޝިއާގެ އުތުރު ސުލަވެސީގައި އޮންނަ ރުއަން އަލިފާން ފަރުބަދަ ވެސް ވަނީ ގޮވަން ފަށައިފައިވެއެވެ. އެ ހާދިސާއާ ގުޅިގެން, އެ އަލިފާން ފަރުބަދަ ކައިރި ހިސާބުތަކުގައި ދިރިއުޅޭ 12,000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް