އިންޑޮނޭޝިއާއިން ޣައްޒާގައި ހޮސްޕިޓަލެއް އަޅަނީ

އިންޑޮނޭޝިއާއިން ޣައްޒާގައި އަޅާ ހޮސްޕިޓަލްގެ ޑިޒައިން. ފޮޓޯ/އިންޑޮނޭޝިއާ ވިންޑޯ

ފަލަސްތީނަށް އެހީތެރިވުމަށް ކުރާ ގައުމީ ކެމްޕޭނެއްގެ ތެރެއިން އިންޑޮނޭޝިއާގެ ރައްޔިތުންނާއި އެންޖީއޯތަކުން ފައިސާ ހޯދައިގެން ފަލަސްތީނުގެ ޣައްޒާ ސިޓީގައި އަންހެނުންނާއި ކުޑަކުދިންގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށަން ނިންމައިފިއެވެ.

ސައްވީސް މިލިއަން ޑޮލަރުގެ އެ މަޝްރޫއަކީ ވެރި ރަށް ޖަކާޓާގައި ހުންނަ އަގްސާ ވޯކިން ގްރޫޕާއި މައިމޫނާ ސެންޓަރު އިންޑޮނޭޝިއާ އިން އިންތިޒާމްކޮށްގެން ޚާރިޖީ ވުޒާރާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އަރަބި ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑޮނޭޝިއަން މަދާ އެންޑް ޗައިލްޑް ހޮސްޕިޓަލް ނުވަތަ އާރުއެސްއައިއޭ އިންޑޮނޭޝިއާގެ ނަމުން ނަންދީފައިވާ އެ ހޮސްޕިޓަލް އަޅާނީ ފަލަސްތީނުގެ ސިއްޚީ ވުޒާރާއިން ހަދިޔާކުރި އެ ސިޓީގެ ނާސިރު ހޮސްޕިޓަލް ކައިރީގައި އޮންނަ އަލް ރަންތިސީ ހޮސްޕިޓަލް ކައިރީގައި އޮންނަ ބިމެއްގައެވެ.

"އަޅުގަނޑުމެން އެންމެންނަށް އެނގޭ ގޮތުގައި ޣައްޒާގައި ޒަޔަނިސްޓް އިސްރާއީލުން ހިނގި ނަސްލު ނައްތާލުމުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ބޮޑު ބަޔަކީ ކުޑަކުދިންނާއި އަންހެނުން. އަޅުގަނޑުމެން އުންމީދު ކުރަނީ މި ހޮސްޕިޓަލުން ޣައްޒާގެ ކުޑަކުދިންނާއި އަންހެނުންނަށް ސިއްޚީ ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމަށް." އޭޑަބްލިއުޖީގެ ޗެއާމަން މުހައްމަދު އަންޝޯރުالله ވިދާޅުވިއެވެ.

އާ ހޮސްޕިޓަލަކީ އިންޑޮނޭޝިއާއިން ޣައްޒާގައި ގާއިމުކޮށްދޭ ދެ ވަނަ ހޮސްޕިޓަލެވެ. ފުރަތަމަ ހޮސްޕިޓަލް ހުޅުވާފައި ވަނީ އިންޑޮނޭޝިއާގެ އެންޖީއޯ މެޑިކަލް އިމަޖެންސީ ރެސްކިއު ކޮމިޓީ ނުވަތަ އެމްއީއާރު-ސީ އިން ފައިސާ ހޯދައިގެން 2015 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ދެހާސް ތޭވީސް ވަނަ އަހަރު އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށިފަހުން އިންޑޮނޭޝިއާ ހޮސްޕިޓަލަކީ ޣައްޒާގެ އުތުރުގައި އެންމެ ފަހުން ޚިދުމަތް ދިން އެއް ހޮސްޕިޓަލެވެ.

comment ކޮމެންޓް