އިސްރާއީލުން 690 ބަލި މީހުންގެ ފަރުވާއަށް ހުރަސްއަޅައިފި

އިސްރާއީލުގެ ހަމަލާތަކަށް ފަހު އަތް ނުވަތަ ފައި ގެއްލިފައިވާ ފަލަސްތީނުގެ މީހުންގެ ދިރިއުޅުން ފަސޭހަ ކުރުމަށް ޑޮކްޓަރުން ދަނީ ޕްރޮސްތެޓިކް ލިމްބްތައް ފިޓް ކުރަމުން -- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ތިބި 690 ބަލި މީހުންގެ ބޭސްފަރުވާއަށް ހުރަސްއަޅައިފިއެވެ.

ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން އާދީއްތަ ދުވަހު ބުނީ، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ އެންމު މުހިންމު ދެ މަގު ކަމަށްވާ އިސްރާއީލާއި ޣައްޒާ ގުޅޭ ކަރީމް އަބޫ ސާލިމް ސަރަހައްދީ ރޮނގާއި ޣައްޒާއާއި މިސްރު ގުޅޭ ރަފަހް ސަރަހައްދީ ރޮނގު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ޣައްޒާއަށް ވަންނަ ތައްޔާރުވެފައި އޮތް 300 އެހީގެ ޓްރަކަށް އެ ސަރަހައްދަށް ނުވަދެވިފައިވާ ކަމަށެވެ. އަދި، ޣައްޒާގައި ތިބި 690 ބަލި މީހުންނަށް އެ މީހުންގެ ބޭސްފަރުވާއަށް ޣައްޒާއިން ބޭރަށް ނުދެވިފައި ތިބި ކަމަށެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުގެ ހިސާރުކުރުމުގެ ސަބަބުން ކާބޯތަކެއްޗާއި ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނު ވެސް ޣައްޒާއަށް އެތެރެކުރުން އޮތީ ހުއްޓިފައެވެ. އަދި، ހޮސްޕިޓަލްތަކަށް ބޭނުންވާ ތެޔޮ އެތެރެކުރުމަށް ވެސް އިސްރާއީލުން ހުރަސްއަޅާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެއީ، ހޮސްޕިޓަލްތައް ނައްތާލައި ހާއްސަކޮށް ސިއްހީ ނިޒާމު ފުނޑުފުނޑުވުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް މީޑިއާ އޮފީހުން ބުނެއެވެ.

އެއްގަމުގެ މަގުން ރަފަހްއަށް ހަމަލާދޭން ފެށުމުގެ ކުރިން އިސްރާއީލުން ވަނީ އެ ސިޓީގެ އިރުމަތީ ބައެއް ސަރަހައްދުތަކުގައި ހިމާޔަތްކުރާ ޣައްޒާގެ އެތައް ލައްކަ ބަޔަކު އެ ތަނުން ދިއުމަށް އަންގާފައެވެ. ރަފަހްއަކީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާއި މީހުންނާއި، އެ ނޫން ވެސް ހާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 35،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް