އާލިއާގެ މަންމައަށް ވެސް ސްކޭމް ކޯލެއް

ބަތަލާ އާލިއާ ބަޓް ކޮއްކޮ ޝާހީން އަދި މަންމަ ސޯނީއާ އެކު -- ފޮޓޯ/ސްޕޮޓްބޯއި.ކޮމް

އިންޑިއާގެ ކަސްޓަމްސްގެ އޮފިޝަލުންގެ ނަމުގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީއަށް ބަޔަކު މީހުން ފޯނުކޮށް އޮޅުވާލައިގެން ފައިސާގެ މުއާމަލާތް ހިންގަމުންދާ ކަމަށް އާލިއާ ބުނެފިއެވެ.

ސޯޝަލް މީޑިއާގައި މި ކަމަށް އާއްމުން ސަމާލުވުމަށް އެދެމުން އާލިއާ ބުނީ، މިއީ ބަޔަކު މީހުން ރާވައިގެން ހިންގާ ވަރަށް ނުރައްކާތެރި ބޮޑު ޚިޔާނާތުގެ އަމަލެއް ކަމަށެވެ. އާއްމުންގެ އިތުރުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުން ވެސް މިކަމުން ރައްކާތެރިކަން ހޯދާ ސަމާލުވުމަށް އާލިއާ ވަނީ އެދިފައެވެ.

މަންމަ ސޯނީ ރަޒްދާންއާ ހަވާލާދީ އާލިއާ ބުނީ، އިންޑިއާގެ ދިއްލީގެ ކަސްޓަމްސް އޮފިޝަލުންގެ ނަމުގައި ގުޅާ މި މީހުން ދައުވާކޮށްފައިވަނީ ސޯނީ ޤާނޫނާ ޚިލާފަށް މަސްތުވާތަކެތި އޯޑަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރެވޭނީ ގިނަ އަދަދެއްގެ ފައިސާ އެ މީހުންނަށް ދިނުމުން ކަމަށެވެ.

އާލިއާ ބަޓް މައިދައިތަ ނީތޫ ކަޕޫރު އަދި މަންމަ ސޯނީއާ އެކު--ޓައިމްސްނިއު

ކަސްޓަމްސް އޮފިޝަލުންގެ ގޮތުގައި ގުޅާ މި މީހުންނަކީ ހަގީގީ ބައެއްކަމެއް ނުވަތަ ނޫންކަމެއް ދެނެގަންނަން ވަރަށް އުނދަގޫ ކަމަށާއި އެހާ ވެސް އެ މަސައްކަތަށް އެ މީހުން ފަރިތަ ކަމަށް އޭނާ ބުންޏެވެ. ކަސްޓަމްސް އޮފިސަރުންނާ އެކު އެ މީހުންގެ ޓީމުގައި ފުލުހުންގެ ޓީމުން ހަރަކާތްތެރިވާ ކަމަށް ބުނެ އެ މީހުން އަވަސްވެގަންނަނީ ގުޅި ފަރާތުގެ ޒާތީ މައުލޫމާތު ހޯދުމަށް ކަމަށް ސޯނީ ވަނީ ބުނެފައެވެ.

މިހާތަނަށް ސޯނީގެ ވަރަށް ގާތް ތިން މީހަކަށް އެފަދަ ކޯލްތައް ލިބިފައިވާ ކަމަށާއި ޝައްކުވާ ކަހަލަ ކޯލެއް ލިބިއްޖެނަމަ ގުޅި ނަންބަރު ނޯޓުކޮށް ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކުރުމަށް ސޯނީއާއި އާލިއާ ވަނީ ލަފާދީފައެވެ.

ޒުވާން ދުވަސްވަރު ބައެއް ފިލްމުތަކުން ފެނިފައިވާ ސޯނީއަކީ މިހާރު ވެސް މަދުން ނަމަވެސް ބައެއް ފިލްމުތަކުން ފެންނަ ބަތަލާއެކެވެ. ބަތަލާ އާލިއާ ބަޓްގެ ކެރިއަރުގައި ޖުމްލަ ގޮތެއްގައި ލިބޭ ހުރިހާ އާމްދަނީއެއް ބެލެހެއްޓުމުގެ ޒިންމާ އާލިއާ ހަވާލުކޮށްފައިވަނީ މަންމަ ސޯނީއާއެވެ. އެހެންކަމުން، މިފަދަ ސްކޭމް ކޯލްތައް ސޯނީއަށް ލިބި އެފަދަ ކޯލްތައް ކުރާ މީހުންގެ ކިބައިން ރައްކާތެރިކަން ހޯދުމުގެ ހުނަރު ވެސް ސޯނީގެ ހުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

comment ކޮމެންޓް