ފީއަށް އެއްބަސްނުވެވި، އަނިލް ހައުސްފުލްގެ ރޯލު ދޫކޮށްލައިފި

ބޮލީވުޑް އެކްޓަރު އަނިލް ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން ގެނެސްދެމުން އަންނަ ފްރެންޗައިސް "ހައުސްފުލް5"ގެ ޓީމުން އަނިލް ކަޕޫރު ވަކިވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އަނިލްއަށް ހުށަހެޅި ރޯލަށް އެންމެ ފުރަތަމަ އެއްބަސްވެ, ފިލްމަށް ސޮއިކުރިކަން އިއުލާނުކޮށްފައިވަނިކޮށް "ހައުސްފުލް5"އިން ވަކިވާން އަނިލް ނިންމީ ސާޖިދުގެ ޓީމުން ހުށަހެޅި ފީގެ މައްސަލައެއްގައި ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ޓީމުން މި ކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވުމުން އަނިލަށް ހުށަހެޅި ރޯލް ދޫކޮށްލަން އެންމެ ފަހުން ނިންމީ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައިވާ ގޮތުން އަނިލްގެ ރޯލު އެކްޓަރު ދޫކޮށްލުމުން "ހައުސްފުލް5"ގެ ޓީމުން މިހާރު މަސައްކަތް ކުރަނީ ފިލްމަށް އެކްޓަރު ނާނާ ޕަޓޭކަރު ގެނައުމަށެވެ. އާއްމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ހެއްވާ މަޖާ މި ފްރެންޗައިސްގެ ފިލްމުތަކަކީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތަކެކެވެ.

ދާދި ފަހުން މި ފިލްމުގެ ޓީމާ ގުޅުނު އެކްޓަރުންގެ ތެރޭ އަބީޝެކް ބައްޗަން އަދި އަރުޖުން ރާމްޕާލް ހިމެނެއެވެ. އަރުޖުން ރާމްޕާލް "ހައުސްފުލް5"އަށް ސޮއިކޮށްފައިވަނީ ސާޖިދާ އެކު މި ފްރެންޗައިސްގެ ފުރަތަމަ ފިލްމުގައި މަސައްކަތްކުރުމަށް ފަހު 14 އަހަރު ފަހުންނެވެ.

މި ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނައިރު ފިލްމުން ފެންނާނެ ބަތަލާއިންނާ ބެހޭ މައުލޫމާތު މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ބޮޑު ބައެއް ބިޔަ ކްރޫޒު ޝިޕެއްގައި ޝޫޓުކުރަން ނިންމާފައިވާ މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ނިންމާފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ.

comment ކޮމެންޓް