އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ، ފިލްމު ކުޅުން ހުއްޓައިލާނަން: ކަންގަނާ

އިންޑިއާގައި މިހާރު ކުރިއަށްދާ ލޯކް ސަބާ އިންތިޚާބުގައި ވާދަކުރަމުން އަންނަ ބަތަލާ ކަންގާނާއަށް ދާއިރާގެ މަޖިލީސް ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ ފިލްމީ ދާއިރާގައި މަސައްކަތް ކުރުން ދޫކޮށްލާނެ ކަމަށް ބުނެފިއެވެ.

ވެރިކަން ކުރާ ބީޖޭޕީގެ ޓިކެޓްގައި އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާއަށް ކުރިމަތިލާފައިވާ ބަތަލާ ފިލްމީ ދާއިރާ ދޫކޮށްލާނެ ކަމަށް ބުނެފައިވާއިރު ކަންގަނާގެ ގިނަ ފިލްމީ ޕްރޮޖެކްޓުތަކެއް ކުރިއަށް އެބަހުއްޓެވެ. އޭގެ ތެރޭގައި، އެކްޓަރު އާރް މާދަވަންއާ އެކު ސޮއިކޮށްފައިވާ ފިލްމެއްގެ އިތުރުން އިތުރު ދެ ތުރިލާ ފިލްމެއް ހިމެނެއެވެ.

އިންޑިއާގެ ސިޔާސީ ޗެނަލް 'އާޖްތަކް'އަށް ދިން އިންޓަވިއުއެއްގައި ފިލްމު އިންޑަސްޓްރީއަކީ 'ފޭކް' އިންޑަސްޓްރީއެއް ކަމަށް ބުނެ ކަންގަނާ ވަނީ ސިޔާސީ މައިދާނުގައި ވީހާ ވެސް ބޮޑަށް ހަރަކާތްތެރިވެ އުޅެން ބޭނުންވާކަމުގެ އިޝާރާތެއް ދީފައެވެ.

މި މައުޟޫއަށް ވާހަކަދައްކަމުން ކަންގަނާ އިތުރަށް ބުނެފައިވަނީ ހާއްސަކޮށް ބޮލީވުޑަކީ ވަރަށް ތަފާތު މާހައުލެއް އުފައްދާ އިންޑަސްޓްރީއެއް ކަމަށާއި، ބެލުންތެރިންގެ ޝައުގުވެރިކަން ހޯދުމަށް ހަގީގަތާ ޚިލާފު ވިދުންތަކުން ޖަރީކުރެވިފައިވާ އެތަކެއް ދޮގުތަކެއްގެ މައްޗަށް ބޮލީވުޑް ބިނާކުރަން ބަޔަކު މަސައްކަތްކުރާ ކަމަށެވެ. ޖޯޝާ އެކު ހެޔޮ ނިޔަތެއްގައި ފިލްމު އުފައްދަން ބޭނުންވާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ބޮލީވުޑްގައި ތިބިކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ކަންގަނާ ވަނީ މި އިންޓަވިއުގައި ބުނެފައެވެ.

ފިލްމީ ދާއިރާ ދޫކޮށްލާނެކަމުގެ އިޝާރާތެއް ކަންގަނާ ދީފައިވާއިރު ސިޔާސީ މަސައްކަތްތަކަށް ވަގުތު ދިނުމުގެ ގޮތުން ބަތަލާގެ ކުރިއަށް އޮތް ފިލްމު "އިމަޖެންސީ" ރިލީޒްކުރުން ވެސް ވަނީ ލަސްކުރެވިފައެވެ. މިއީ ކަންގަނާ ލީޑް ރޯލް ކުޅެ އަލަށް ބަތަލާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު ވެސް މެއެވެ.

comment ކޮމެންޓް