އާމެނިއަން ޔޫތު އޯޕަންގެ ޑަބަލްސްއިން ލައިބާގެ ޕެއާ ފައިނަލަށް

އާމެނިއާގެ ޔެރުވަންގައި ކުރިޔަށްދާ މި މުބާރާތުގައި ޑަބަލްސްއިން ލައިބާއާއި އޭނާގެ ޕާޓްނަރު، ކެތަރީން -- ފޮޓޯ/ ލައިބާ

އާމެނިއަން ޔޫތު އޯޕަން 2024 ބެޑްމިންޓަން މުބާރާތުގެ އަންޑަ 13 ޑަބަލްސްގެ ފައިނަލުން ރާއްޖޭގެ ލައިބާ އަޙުމަދު މަހުލޫފުގެ ޕެއާ ޖާގަ ހޯދައިފިއެވެ.

އާމެނިއާގެ ޔެރުވަންގައި ކުރިޔަށްދާ މި މުބާރާތުގެ ޑަބަލްސްއިން ލައިބާގެ ޕާޓްނަރަކީ ސައިޕްރަސްގެ ކެތަރީންއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން ލައިބާ ޖާގަ ހޯދީ މިކްސްޑް ޑަބަލްސްގައި އޭނާގެ ޕާޓުނަރު، އާމެނިއާގެ މާކްއާ އެކުގައެވެ.

މިކްސްޑް ޑަބަލްސްގައި ލައިބާއާއި މާކްއާ ދެކޮޅަށް އާމެނިއާގެ ނަރެކް އަދި ގަޔަނޭ ބައްދަލުކުރި މެޗު، ލައިބާ އަދި މާކް ކާމިޔާބުކުރީ 14-21 އަދި 12-21ގެ ނަތީޖާއަކުންނެވެ.

މީގެ އިތުރުން ޑަބަލްސްގައި ލައިބާއާއި ކެތަރީންވަނީ، ދެކޮޅަށް ނިކުތް އާމެނިއާގެ މިސަކްޔަންއާއި އެނޫޔަން 6-21 އަދި 5-21އިން ބަލިކޮށްފައެވެ.

މި މުބާރާތުގެ ސިންގަލްސްގައި ލައިބާވަނީ އާމެނިއާގެ ޖޫލިއެޓާއާ ވާދަކޮށް، 11-21 އަދި 13-21ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. އަދި އާމެނިއާގެ އައިޑާއާ ވާދަކޮށް 12-21 އަދި 6-21ގެ ނަތީޖާއަކުން ލައިބާ މެޗު ކާމިޔާބުކުރިއިރު، ބަލްގޭރިއަން ރޭންކުގެ ތިންވަނަ ކުޅުންތެރިޔާ މާރިޔާއާ ބައްދަލުކުރި މެޗު ލައިބާއަކަށް ކާމިޔާބެއް ނުކުރެވުނެވެ. އެ މެޗު 13-21، 17-21 އަދި 12-21އިން ކާމިޔާބުކުރީ މާރިޔާއެވެ.

ރައުންޑް އޮފް 16ގެ ސިންގަލްސްގައި ސައިޕްރަސްގެ ކެޓްރީނާއާ ވާދަކޮށް، ލައިބާ ކެޓީ ކުޑަކުޑަ ފަރަގަކުންނެވެ. އެ ގޮތުން އެ މެޗު ކެޓްރީނާ ކާމިޔާބުކުރީ 17-12 އަދި 20-22ގެ ނަތީޖާއަކުންނެވެ.

މިދިޔަ އަހަރުގެ ވެސް ލައިބާވަނީ 11 އަހަރުން ދަށުގެ ޔޫރަޕްގެ ޓޮޕް ރޭންކުގެ ކުޅުންތެރިންނާ ވާދަކޮށް، ދެ ރިހި މެޑަލާއި ހަތަރު ބްރޯންޒް މެޑަލް ހޯދާފައެވެ.

comment ކޮމެންޓް