މަގުމައްޗަށް ފުރިޖެއް ނެރުނު މީހަކު ލައްވައި ފުރިޖު ނަގައި، ޖޫރިމަނާކޮށްފި

މަގަށް ނެރނު ފުރިޖު ބިދޭސީ މީހާ އެތަނުން ނަގަނީ ----

ނުގަވައިދުން މާލެ މަގުމައްޗަށް ފުރިޖެއް ނެރުނު ބިދޭސީ އަންހެނަކު ޖޫރިމަނާކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ މަގުމައްޗަށް އެއްވެސް ހަމައެއް ނެތި، ގަވާއިދާ ޚިލާފަށް ކުނި ނެރޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މިގޮތުން، ނިމިދިޔަ ރޯދަމަހާ ދިމާކޮށް، މި މައްސަލަ ބޮޑުވެ، މާލޭގެ މަގުތައް ގޮނޑުވިއެވެ.

މި މައްސަލަ އަދި ވެސް ހައްލުނުވާއިރު، މިއަދު މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އަނޯނާ ގޯޅިން މަގުމައްޗަށް ފުރިޖެއް ނެރުނު ބިދޭސީއަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި، މަގުމައްޗަށް ނެރުނު ފުރިޖު އެ ބިދޭސީ މީހާ ލައްވާ އެތަނުން ނަގުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފައެވެ.

މީގެކުރިން އެ ކައުންސިލުން ބުނީ، މަގަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަނީ 500 ރުފިޔާއިން ކަމަށާއި އެކަން ތަކުރާރު ވިޔަސް އެ އަދަދަށްވުރެ އިތުރަށް ޖޫރިމަނާ ކުރަން ގާނޫނުގައި ބުނެފައިނުވާ ކަމަށެވެ.

ސިޓީ ކައުންސިލުން އަންނަނީ ގަވާއިދާ ޚިލާފަށް ކުނި ބަހައްޓާ މީހުން ޖޫރިމަނާކޮށް، އެ މީހުންގެ ވީޑިއޯތައް މީސްމީޑިއާގައި އާންމުކުރަމުންނެވެ.

މަގުތަކުގައި ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ މާލެ ސިޓީ ކައުންސިލުގެ ވައިބާ އަދި ވަޓްސްއެޕް ނަންބަރު ކަމަށްވާ 9341144 އަށް ނުވަތަ ކައުންސިލްގެ ވެބްސައިޓު މެދުވެރިކޮށް ފޮނުވަން އެ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް