އައްޑޫ ސިޓީ ހިތަދޫ ފުއްޓަރު ފަރާތުން ރާޅު އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ދެ ގެއެއްގެ އިންފާރު މިއަދު ވެއްޓިއްޖެއެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝިނާޒު ވިދާޅުވީ މިއަދު މެންދުރު ހިނގައިދިޔަ މި ހާދިސާގައި ވެއްޓުނީ އީވްނިން ޕާކު އަދި އޯކަމް ވިލެޖު ނަމަކަށް ކިޔާ ދެ ގެއެއްގެ އިންފާރު ކަމަށެެވެ.
އެ ދެ ގޭގެ އިތުރުން، ހިތަދޫ ފުއްޓަރު ފަރާތުގައި ހުޅުދޫއާގެ ނަމަކަށް ގެއެއް ވެސް ހުންނަ ކަމަށާއި، އެ ތިން ގެއަށް ވެސް ރާޅުގެ އަސަރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ރާޅު އެރުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް، އެ ގޭގައި ދިރިއުޅޭ މީހުން ކޮންކްރީޓުން ފާރުކޮޅެއް ރާނާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ހާދިސާ ހިނގީ، މިދިޔަ ސަރުކާރުން ފެށި ހިތަދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު، ހުއްޓިފައި އޮއްވައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، މަސައްކަތުގެ ދެބައިކުޅައެއްބައި ނިމިފައިވާއިރު، މަސައްކަތް ނިމިފައިވާ ސަރަހައްދުން އެއްވެސް ގެއަކަށް ގެއްލުންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާޅު އަރާ މައްސަލައިގައި ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް އެމްޓީސީސީއާ ވާހަކަދައްކައިގެން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
"ކައުންސިލްގެ އެދުމަކީ ވީހާ ވެސް އަވަހަކަށް މި މަޝްރޫއު ކުރިއަށް ގެންގޮސް، ސަރުކާރުން މި ކަމަށް ދާއިމީ ހައްލެއް ހޯދައިދިނުން" ޝިނާޒު ވިދާޅުވިއެވެ.
ހިތަދޫގެ އުތުރުން ހުޅަނގު ސަރަހައްދަކީ ވަރަށް ބޮޑަށް ގިރަމުންދާ ސަރަހައްދެކެވެ. މި ސަރަހައްދު ގިރައި، ބައެއް ގޭގެ އިންފާރާއި ހިސާބަށް ގިރާފައިވާއިރު، މިއީ ގިނަ ދުވަސްތަކެއް ވަންދެން ހައްލެއް ހޯދުމަށް ރައްޔިތުން އެދެމުން އައި މައްސަލައެކެވެ.
މި މައްސަލަ ހައްލުކުރުމަށް މިދިޔަ ސަރުކާރުންވަނީ އެމްޓީސީސީއަށް 11.65 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލުކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގު ފަރާތުގައި 570 މީޓަރު ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކޮށް، މޫދަށް އާންމުން އެރިއުޅޭނެ ސަރަހައްދެއް ފުންކޮށް ތަރައްޤީކުރުމަށް ނިންމައި، މޫދަށް އެރޭ ސަރަހައްދުގެ ބޭރުން 100 މީޓަރު ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރުމަށް އޮތީ ނިންމާފައެވެ.
މިދިޔަ ސަރުކާރުން މި މަސައްކަތް ފެށީ 2022ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. އޭރު އެމްޓީސީސީން ބުނީ 2023ވަނަ އަހަރުގެ ކުރީކޮޅަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.