ޓެކްސީގެ އަގަށް ބަދަލު ގެނައި ފަހުން ހުށަހެޅީ އަށް ޝަކުވާ

ޖެނުއަރީ 29، 2020: ވެލާނާ އެއާރޕޯޓްގައި ޓެކްސީތައް ކިޔޫ ޖެހިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަވާއިދާ ޚިލާފަށް ޓެކްސީތަކުން ދަތުރުތަކަށް ފައިސާ ނަގާކަމުގެ ޝަކުވާ ބޮޑުވެ، ޓެކްސީ ކުރުމުގެ ގަވާއިދަށް ބަދަލު ގެނައި ފަހުން މިއަދާ ހަމައަށް އަށް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

ޓެކްސީ އަގުތަކަށް ބަދަލު ގެނެސް ގަވާއިދު އިސްލާހުކުރީ މިދިޔަ އާދިއްތައިގައެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އެ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ، ޓެކްސީ ކުރުމުގެ ގަވާއިދަށް ބަދަލުގެނައި ފަހުން މިއަދާ ހަމައަށް އަދި ހުށަހަޅާފައިވަނީ އަށް ޝަކުވާ ކަމަށެވެ. އެކަމަކު، އެ ޝަކުވާތަކާ ގުޅޭ މާ ބޮޑު ތަފުސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.

އޭނާ ވިދާޅުވީ، ޓެކްސީތަކުގެ މައްސަލައިގައި މިހާރު ވެސް ޝަކުވާ ލިބޭ ކަމަށެވެ. އަދި، ޝަކުވާ ހުށައަޅާ ފަރާތާއި ޓެކްސީ ޑްރައިވަރާ ވެސް ވާހަކަދައްކާ މައްސަލައެއް އުޅޭނަމަ ޑްރައިވަރުންނަށް ނަސޭހަތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ޓެކްސީކުރާ ގަވާއިދަށް ގެނައި ބަދަލާ އެކު ހަތް ސީޓާއި 10 ސީޓާ ދެމެދުގެ ވެހިކަލްތަކަށް ޓެކްސީކުރުމުގެ އަގު ކަނޑައަޅައި ޑޮމެސްޓިކް ޓާމިނަލަށް ކުރާ ދަތުރުތަކުން އެއާޕޯޓަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް ޗާޖުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި، ތިން ލަގެޖަށްވުރެ އިތުރަށް އަރުވާ ކޮންމެ ލަގެޖަކަށް ފަސް ރުފިޔާ ޗާޖުކުރާނެ ކަމަށް ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ފަހަކަށް އައިސް ޓެކްސީތަކާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން، އެއް ދަތުރަށް ވުރެ ގިނަ ދަތުރު އެއްފަހަރާ ނެގުން ފަދަ ކަންކަމުގެ ޝަކުވާ މި ފަހުން ވެސް ވަނީ އާންމުން ވަނީ ކޮށްފައެވެ.

ކަނޑައަޅާފައިވާ އާ އަގުތަކަށް ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން އަމަލުކުރޭތޯ ދިވެހި ފުލުހުންގެ ޚިދުމަތާއި އެ ވުޒާރާއާ ގުޅިގެން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ދަތުރުފަތުރާއި މަދަނީ އުދުުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް