ވޯކް ވިސާޖެހުމަށްފަހު ޕާސްޕޯޓާ ހަވާލުވުމަށް އޮންލައިންކޮށް ނަންބަރު ދޫކުރަނީ

މިއަދުން ފެށިގެން ވާކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އޮންލައިންކޮށް ނަންބަރު ދޫކުރަނީ --

އިމިގްރޭޝަނުގެ ޚިދުމަތްތައް ވީހާ ވެސް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މިއަދުން ފެށިގެން ވޯކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އޮންލައިންކޮށް "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ނިންމަވައިފިއެވެ.

އިމިގްރޭޝަނުން ބުނީ މި ބަދަލު ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ސަރުކާރުގެ އިދާރާތަކުންދޭ ޚިދުމަތްތައް ވީހާ ވެސް ލުއިފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް ޓަކައި ކަމަށެވެ.

މީގެ ކުރިން ވޯކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އަންނަ ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑިއަކަށް އިމިގްރޭޝަނަށް ހާޒިރުވެ، އެފަރާތެއްގެ ނަންބަރު ޖެހެންދެން އިމިގްރޭޝަންގައި މަޑުކުރަން ޖެހެއެވެ.

މިއީ މި ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ޝަކުވާ ލިބެމުން އައި ކަމެއްކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ މިކަމަށް ހައްލެއް ހޯދުމަށް ޓަކައި، މިހާރު ކަނޑައެޅިފައިވާ ގަޑީގައި މި ޚިދުމަތް "އޭންޓް ކިޔޫ" މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެ ވެސް އޮންލައިންކޮށް ނަންބަރު ނެގޭނެ ކަމަށެވެ.

އަދި ކިއުގެ ޚިދުމަތް ދެމުންދާ ތަރުތީބު ވަގުތުން ބަލާލެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އެހެންކަމުން، މިއީ ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ވަގުތު ސަލާމަތްވެ، ޚިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމެއްކަން އެ އިދާރާއިން ފާހަގަކުރެއެވެ.

އިމިގްރޭޝަނުން ބުނީ ވޯކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ނެގުމަށް ޓަކައި "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ފަހެއް ނުވަތަ އެ އަށްވުރެ މަދު ޕާސްޕޯޓާއި ހަވާލުވާ ފަރާތްތަކުން ނަންބަރު ނަގަންޖެހޭނީ، ހެނދުނު 9:00 އިން 10:30 އާއި ދެމެދުގައި ކަމަށެވެ.

އެ އިދާރާއިން ބުނީ މި ނަންބަރުތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށް ކަމަށެވެ.

މީގެ އިތުރުން ހައެއް ނުވަތަ އެ އަށްވުރެ ގިނަ ޕާސްޕޯޓާއި ހަވާލުވާ ފަރާތްތަކުން ނަންބަރު ނަގަންޖެހޭނީ މެންދުރު 11:30 އިން 12:30 އާއި ދެމެދުގައި ކަމަށް ވެސް ބުނެފައިވެއެވެ. މި ނަންބަރު ތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މެންދުރު 1:15 އިން 03:00 އަށެވެ.

އިމިގްރޭޝަނުން ބުނީ ނަންބަރު ނެގުމަށް ޓަކައި ސަބްމިޝަން ރިސިޓްގައި ހިމެނޭ ޕީޕީއެޗް ނަންބަރު އަދި ބޮކްސް ނަންބަރު ޖެހުމަށްފަހު، ސަބްމިޝަން ރިސިޓް އަޕްލޯޑް ކޮށްލުމުން ވާނެ ކަމަށެވެ. އަދި އެއް ޕީޕީއެޗް ނަންބަރު ނުވަތަ އެއް ބޮކްސް ނަންބަރަށް ވުރެ ގިނައިން ވެސް މި ބައިގައި ޖެހިދާނެ ކަމަށް ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އެ އިދާރާގެ މަޤްސަދަކީ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ވީހާ ވެސް އަވަސް، ލުއިފަސޭހަ ޚިދުމަތްތަކެއް ހޯދޭނެ މަގު ފަހިކޮށްދީ، ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށެވެ.

comment ކޮމެންޓް