އިމިގްރޭޝަނުން އިތުރު 30 ބިދޭސީން ޑީޕޯޓްކޮށް، 21 ބިދޭސީން ބެލުމުގެ ދަށަށް

ބުރާސްފަތި ދުވަހު އިމިގްރޭޝަނުން އިތުރު 30 ބިދޭސީން ޑީޕޯޓްކޮށްފި -- ފޮޓޯ/ އިމިގްރޭޝަން

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅުނު އިތުރު 30 ބިދޭސީއަކު އިއްޔެ ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މިރޭ ބުނެފިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އަތުލައިގަނެ އެފަރާތްތައް ޑީޕޯޓުކުރުމަށްޓަކައި އިމިގްރޭޝަނުން އަންނަނީ ފުޅާ އޮޕަރޭޝަނެއް ހިންގަމުންނެވެ.

އިމިގްރޭޝަނުން މިރޭ ހާމަކުރި ގޮތުގައި އެ ޚިދުމަތުން ހިފަހައްޓާފައިވާ ބިދޭސީންގެ ތެރެއިން 30އަށް ވުރެ ގިނަ ބިދޭސީން އިއްޔެ ވަނީ ޑީޕޯޓްކޮށްފައެވެ. އަދި ރޭ ވެސް އިމިގްރޭޝަނުން ވަނީ ގިނަ ތަންތަން ބަލައި ފާސްކޮށްފައެވެ.

އެގޮތުން ޓާސްކު ފޯސްއަށް ލިބުނު މައުލޫމާތާއެކު، އިއްޔެ ހ. ކަޅުހުރާގެ ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެތަނަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުން ދިޔަ ތަނެއް ކަމަށް ބުނެފައިވެއެވެ.

އެތަނުގައި ދިރިއުޅެމުން ދިޔަ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ނުވަ ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އޭގެތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ހަ ބިދޭސީއަކު ވެސް ހިމެނޭ ކަމަށް މައުލޫމާތުދިނެވެ.

މީގެ އިތުރުން ވެސް އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުން ދިޔަ އިތުރު ތަނެއް ރޭ ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެގޮތުން މާލޭގެ ހެންވޭރަށް ނިސްބަތްވާ އެ ގޭގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ހަމައެއާއެކު 22 ތަނެއް އިންސްޕެކްޓްކޮށް، ބިދޭސީ ހަތް އަންހެނަކު ހިފަހައްޓާފައިވާއިރު، ވަޒީފާ ދޭ ހަތް ފަރާތަކަށް ނޯޓިސް ވެސް ދީފައިވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓްކުރުމަށް ޚާއްސަކޮށްގެން ''އިމިގްރޭޝަން ވޮޗް''ގެ ނަމުގައި ޕޯޓަލްއެއް ތައާރަފުކޮށްފައިވެއެވެ.

އިމިގްރޭޝަންގެ ވޮޗްގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެެއެވެ.

comment ކޮމެންޓް