ވިމެންސް ސުޕާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ޗެލްސީ ވިމެންއިން ކާމިޔާބުކޮށްފިއެވެ.
ޗެލްސީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސީޒަންގެ ފަހު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ވިމެންއާ ރަށުން ބޭރުގައި ބައްދަލުކުރި މެޗު 6-0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށް، ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ.
މުބާރާތުގެ ފަހު މެޗުތަކަށް ޓީމުތައް ނުކުތްއިރު ޗެލްސީއާއި މެންޗެސްޓާ ސިޓީ ވިމެން އޮތީ ޕޮއިންޓްގެ ގޮތުން އެއްވަރުގައެވެ. އަދި، ޗެލްސީއަށް ކުރި ލިބިފައިވަނީ ފައިދާ ގޯލަށް ބަލާއިރުއެވެ. އެހެންކަމުން ފަހު މެޗުގައި ގިނަ ލަނޑުތަކެއް ޖެހުން ވެގެންދިޔައީ އެ ޓީމަށް ލީގު ކާމިޔާބުކުރުމުގައި ލިބިގެންދިޔަ އިތުރު ހިތްވަރަކަށެވެ.
ސިޓީން އެސްޓަން ވިލާ ވިމެންއާ ބައްދަލުކުރި މެޗު ކާމިޔާބުކުރި ނަމަވެސް ލީގު ނިންމާލީ ފައިދާ ގޯލަށް ބަލާއިރު ޗެލްސީއަށްވުރެ ހަތް ގޯލު ފަހަތުގައި އޮވެގެންނެވެ.
ޗެލްސީއާއި ޔުނައިޓެޑް ބައްދަލުކުރި މެޗު ޗެލްސީން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ ދެވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ޗެލްސީންވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު ޗެލްސީއަށް ޖަހައިދިނީ އިނގިރޭސިވިލާތުގައި މިހާތަނަށް އެންމެ އަގު ބޮޑުކޮށް ސޮއިކޮށްފައިވާ މޭރާ ރަމިރޭޒްއެވެ. މި ލަނޑު ޖެހިތާ ހަ މިނެޓު ފަހުން ޗެލްސީގެ ލީޑު ފުޅާކޮށްދިނީ ޔޮހާނާ ރީޓިން ކަނެރީޑްއެވެ. އަދި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޔޯކެ ނުސްކެންވަނީ ޗެލްސީއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މެޗުގައި ޗެލްސީގެ ހަތަރުވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ރަމިރޭޒްއެވެ. އަދި، ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި މެލާނީ ލެއުޕޯލްޒްވަނީ ޗެލްސީގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގައި އެ ޓީމުގެ ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޖަހައިދިނީ ފްރޭން ކާބީއެވެ.
މި ކާމިޔާބީއާ އެކު ޗެލްސީ ވިމެންއިން ވަނީ އެ ޓީމުގެ ކޯޗު އެމާ ހޭސްއަށް ވަރަށް ފުރިހަމަ އަލްވަދާއުއެއް ކިޔާފައެވެ. ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި 12 ސީޒަން ހޭދަކުރުމަށް ފަހު އެ ޓީމު ދޫކޮށްލާނެކަން ހެޔޭސްވަނީ މި ސީޒަންގެ ކުރީކޮޅު ހާމަކޮށްފައެވެ.
ޗެލްސީއާއި އެންމެ ގާތުން ލީގަށް ވާދަކުރި ސިޓީން ވިލާގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ. މުބާރާތުގެ ތިންވަނައިގައި އޮތީ އާސެނަލެވެ.