މިހާތަނަށް ފަލަސްތީނުގެ 80،000 މީހުން ރަފަހް ދޫކޮށްލައިފި

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރަފަހް ސިޓީ ދޫކޮށް މިހާތަނަށް 80،000 މީހުން ވަނީ ގޮސްފައި -- ފޮޓޯ/އިންގްލިޝް އަރަބިއާ

އިސްރާއީލުގެ ފައުޖުތަކުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް ދޭ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދު ދޫކޮށް ދިޔަ ފަލަސްތީނު ރައްޔިތުންގެ އަދަދު މިހާތަނަށް 80،000 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ. ގެ އޭޖެންސީ (ޔޫއާރްޑަބްލިޔުއޭ)އިން ބުނެފިއެވެ.

ރަފަހް ސަރަހައްދު ހުސްކުރުމަށް އިސްރާއީލުން އެންގުމުން ޣައްޒާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ސިޓީގެ މެދުތެރެއަށާއި، ދެކުނުގައި އޮންނަ ހާން ޔޫނިސްއަށް ގޮސްފައެވެ.

ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ރަފަހްއަށް އެއްގަމު މަގުން ހަމަލާދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. އަދި، އެއީ ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުގެ ބާރު އޮތް ހަމައެކަނި ސަރަހައްދު ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.

އެއްގަމުގެ މަގުން ރަފަހްއަށް ހަމަލާދޭން ފެށުމުގެ ކުރިން އިސްރާއީލުން ވަނީ އެ ސިޓީގެ އިރުމަތީ ބައެއް ސަރަހައްދުތަކުގައި ހިމާޔަތްކުރާ ޣައްޒާގެ އެތައް ލައްކަ ބަޔަކު އެ ތަނުން ދިއުމަށް އަންގާފައެވެ. ރަފަހްއަކީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާއި މީހުންނާއި، އެ ނޫން ވެސް ހާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ. ހަމަލާތައް ދޭން ފެށިއިރު ރަފަހްގައި 1.3 މިލިއަން މީހުން ތިބި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 35،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް