އަނބު: ކާލަން މީރު، ފައިދާތައް ގިނަ މޭވާއެއް

ބާޒާރުގައި އަނބު: މިއީ ފައިދާ ގިނަ މޭވާއެއް -- ސަން ފޮޓޯ/ މޫސާ ނަދީމް

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި އަނބު ތިޔާގިވެ، ކޮންމެ ވަގުތަކު ވެސް ކާލަން އަނބު ލިބޭ މޫސުމެކެވެ. ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު މޭވާގެ ތެރޭ ހިމެނޭ އަނބަކީ ކާލަން މީރުވެފައި ހަށިގަނޑަށް ވެސް ނުހަނު ގިނަގުނަ ފައިދާތަކެއް އެއިން ލިބޭ މޭވާއެކެވެ.

އާއްމުގޮތެއްގައި އަނބު ގަސް ހެދެނީ އިރުމަތީ އޭޝިޔާއާއި ދެކުނު އޭޝިޔާގެ ޤައުމުތަކުގައިކަން ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް އިންޑިޔާ، ބަންގަލަދޭޝް، ސްރީލަންކާ، ޕާކިސްތާނު، ބަރުމާ، ފިލިޕީންސް އަދި އިންޑޮނޭޝިއާ ފަދަ ޤައުމުތަކުގައި އަނބު ހެދޭ މިންވަރު އިތުރުކަން ފާހަގަކޮށްލެވެއެވެ. ނިސްބަތުން ދިވެހިރާއްޖޭގައި އަނބުގަސް ހެދޭ މިންވަރު ކުރިއާ އަޅާ ބަލާއިރު މަދު ނަމަވެސް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އަނބު ގަސް ހައްދައެވެ.

އަނބު: ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ މޭވާއެއް--ފޮޓޯ/ކްލީންޖޫސް
އެކި ޤައުމުތަކުން ލިބެން ހުންނަ އަނބުގައި ރަހައިގެ ތަފާތެއް ހުއްޓަސް އަނބުން ލިބޭ ފައިދާއަކަށް އެއްވެސް ބަދަލެއް ނާންނަކަން ދިރާސާތަކުން ވަނީ ދައްކާފައެވެ. މީރުކަމާ އެއްވަރަށް އަނބުން ހަށިގަނޑަށް ލިބިދޭ ފައިދާތަކަށް ބަލާލާއިރު މި މޭވާގައި އެކުލެވޭ ބީޓާ ކެރޮޓީން ކިޔާ މާއްދާއަކީ ލޮލުގެ ދުޅަހެޔޮކަން ކުރިއެރުވުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓެކެވެ. އޭގެ ތެރޭގައި، ލޮލުން ފެންނަ މިންވަރު ސާފުކޮށްދިނުން އަދި ލޮލަށް އެޅޭ އަލީގެ ސަބަބުން އިހުސާސްކުރެވޭ ނުތަނަވަސްކަން ކުޑަކޮށްދިނުން ހިމެނެއެވެ.

ލޯކަލް މާރުކޭޓުގައި ދިވެހިންތަކެއް އަނބު ވިއްކަނީ--ފޮޓޯ/މޯލްޑިވްސްފައިނެސްޓް
އަނބަކީ ދިފާޢީ ނިޒާމު ވަރުގަދަކޮށްދީ ގައިގައި ވަރުޖެއްސުމަށް ވެސް އެހީތެރިވެދޭ މޭވާއެކެވެ. އަނގަޔަށް މީރު މި މޭވާގައި ހިމެނޭ މުހިއްމު މާއްދާތަކުގެ ތެރޭގައި ވިޓަމިން އޭ، ވިޓަމިން ސީ، ކޮޕާ، ވިޓަމިން އީ، ފޮލޭޓް އަދި ވިޓަމިން ބީ ހިމެނެއެވެ. އަނބުގައި އެކުލެވޭ މި މާއްދާތަކުގެ ސަބަބުން ފަސޭހައިން ބަލިތައް ޖެހުމުން ދުރުކޮށްދީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެހީތެރިވެދެއެވެ. އަނބުގައި ހިމެނޭ ބިޓާ-ކެރޮޓީނު އަދި އެންޓި އޮކްޒިޑެންޓްގެ އަލީގައި ހަންގަނޑު އޮމާންކޮށްދިނުމަށް ވެސް އެހީތެރިވެދެއެވެ.

މީގެ އިތުރުން، ކާ ތަކެތި ފަސޭހައިން ހަޖަމުކޮށްދިނުމަށް މި މޭވާގައި ހިމެނޭ މާއްދާތަކުން އެހީތެރިވެދޭއިރު ބައެއް ބާވަތްތަކުގެ ކެންސަރުން ވެސް ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ. ހަމައެއާ އެކު ދުޅަހެޔޮކަންމަތީ ހިތުގައި ލޭ ދައުރުކޮށްދިނުމަށް އަނބުގައި އެކުލެވޭ މެގްނީސިއަމްއާއި ޕޮޓޭސިއަމްއިން އެހީތެރިވެދެއެވެ. އޭގެ ސަބަބުން ހިތުގެ ލޭނާރުތައް ހަމަޔަކަށް އަޅުވައިދީ ލޭގެ ޕްރެޝަރު ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ.

އަނބަކީ ގުދުރަތީ ހަކުރު (ނެޗުރަލް ޝުގާ) ގިނަ މޭވާއެއް ކަމުން އެއްފަހަރާ މާ ގިނައިން އަނބު ކެއުމުން ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ހަކުރު ބައްޔަށް ބޭސްފަރުވާ ހޯދާނަމަ އަނބު ކެއުމުގެ މިންވަރާ ގުޅޭގޮތުން ސިއްހީ މާހިރަކާ މަޝްވަރާކޮށްލަން ވާނެއެވެ.

comment ކޮމެންޓް