ޑާކްރެއިން އެންޓަޓެއިންމެންޓުން މި އަހަރު އެންމެ ފަހުން އެޅުވި ފިލްމު "ފުރޭތަ" ސްޓްރީމިންއަށް ދޫކޮށްލުމަށް ނިންމައިފިއެވެ.
މި އަހަރު އޮލިމްޕަހުގައި ދައްކަމުން އަންނަ ގިނަ ފިލްމުތައް އަންނަނީ ސިނަމާއިން ނެގުމަށް ފަހު އާންމުންނަށް ސްޓްރީމް ކުރެވޭ ގޮތަށް ދޫކުރަމުންނެވެ. އެ ލިސްޓުގެ އެންމެ ފަހަށް މި އިތުރުކޮށްލަނީ ފުރޭތައެވެ.
ޑާކްރެއިންއިން މި އަހަރު އެޅުވި ފުރަތަމަ ފިލްމު "ފުރޭތަ" ޕްރިމިއާކޮށްފައިވަނީ މިދިޔަ މާޗު މަހުގެ ކުރީކޮޅުގައެވެ. އެއަށް ފަހު އެ ފިލްމުގެ ގިނަ ހައުސް ފުލް ޝޯތަކެއް އެޅުވިއިރު އެ ފިލްމަށް އާންމުންނާއި ކްރިޓީކުންގެ ފަރާތުން ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
ޑާކްރެއިން ބުނެފައިވަނީ ފިލްމު މިހާރު ވަނީ އެމްއެސް ވީޑިއޯކްލަބުން ސްޓްރީމްކުރަން ދޫކޮށްލުމަށް ތައްޔާރުވެފައި ކަމަށެވެ. އެގޮތުން، މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ފިލްމު ސްޓްރީމްކުރުމަށް ދޫކޮށްލާނެ ކަމަށް ޑާކްރެއިންއިން ބުނެއެވެ.
ފުރޭތައިގެ ފިލްމުގައި ލީޑުން ފެނިގެން ގޮސްފައިވާނީ އިންޑަސްޓްރީގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ތަރި ޝަރަފު ޢަބްދުﷲއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ރަވީ ފާރޫގާއި މުހައްމަދު މަނިކާއި އަހުމަދު ސައީދު އަދި މުހައްމަދު ރިފްޝާނާއި އަލީ ނަދީހާއި އާމިނަތު އަސީލާ ފަދަ އެކްޓަރުން ފެނިގެން ގޮސްފައިވެއެވެ.
މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަހުމަދު ތޮލާލު ކުރިއިރު ފިލްމުގެ ޑައިރެކްޓަރަކީ އަހުމަދު ޝިފާއު (ޗިއްޕެ)އެވެ. މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ނަގައިފައިވަނީ އަހުމަދު ޒިފާފެވެ.