ފާޚާނާ ފެން މަގުމައްޗަށް އަޅަމުންދިޔަ ބަޔަކު ޖޫރިމަނާކޮށްފި

އެ ކައުންސިލުން ބުނީ މިކަން ކުރިފަރާތަށް ވަނީ އެ ކަން ރަނގަޅުކުރުމަށް ނޯޓިސް ދެވި، ޖޫރިމަނާ ކުރެވިފައި ކަމަށް --

ފާޚާނާގައި ފެންބޮޑުވުމުން، އެ ފެންތައް މަގުމައްޗަށް ފައިބާގޮތަށް ބަހައްޓައިފައިހުރި އިމާރާތެއްގެ ވެރި ފަރާތް ޖޫރިމަނާކޮށްފިއެވެ.

އެ ގެއިން ފެން ފައިބާ މަންޒަރު ފެންނަ ވީޑިއޯ ހިއްސާކޮށް، މާލެ ސިޓީ ކައުންސިލުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ ގެއަކުން މަގުމައްޗަށް ފެންފައިބާތީ ސިޓީ ކައުންސިލުން އެ ތަން ޗެކުކުރި ކަމަށެވެ.

އެ ގޮތުން ކައުންސިލުން އެ ތަން ބެލިއިރު، އެ ގޭގެ ފާޚަނާ ފެންބޮޑުވެގެން ފާޚަނާ ތެރެއިން ލޯވަޅެއް ތޮރުފާލައި، ފެން ބޭރަށް ފައިބާގޮތަށް ހަދާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ މިކަން ކުރި ފަރާތަށް މިހާރު ވަނީ އެ ކަން ރަނގަޅުކުރުމަށް ނޯޓިސް ދެވި، ޖޫރިމަނާ ކުރެވިފައިކަމަށެވެ.

މާލޭގެ ބައެއް ގޭގެއިން މަގުމައްޗަށް ފެން ފައިބާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. ނަމަވެސް ފެން ފައިބާ މައްސަލައަކީ ޒަމާނުއްސުރެ މާލެ ސިޓީގައި ހައްލުނުކުރެވި އޮތް މައްސަލައެކެވެ.

އެހެންވެ މިހާރު މާލެ ސިޓީ ކައުންސިލުން ވަނީ އެ ގޮތަށް ހުރި ތަންތަން އިސްލާހުކުރުމުގެ މަސައްކަތް ފަށާފައެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އައިމިނަތު ޝަތުފާ ވިދާޅުވެފައިވަނީ ފަހާގަކުރެވޭ އިމާރާތްތައް މަރާމާތުކުރަން ސިޓީ ކައުންސިލުން އެކި ތަންތަނަށް ދެނީ އެކި މުއްދަތު ކަމަށެވެ.

އަދި ބައެއް އިމާރާތްތައް ހަދާފައި ހުންނަ ގޮތުން، އެ ތަންތަނުން ފެންފައިބާ މައްސަލަ ހައްލު ކުރަން ވަގުތު ބޭނުންވާނެކަން ވެސް އޭނާ ފާހަގަކުރައްވައިފައިވެއެވެ.

މި މައްސަލަ ހައްލުނުވާ ކަމަށްވާނަމަ ކައުންސިލުން އެންމެ ފުރަތަމަ ފޮނުވާނީ ސިޓީއެއް ކަމަށާއި އެއަށް ފަހު ނޯޓިސް ފޮނުވައިގެން ވެސް މައްސަލަ ހައްލުނުވާ ކަމަށްވާނަމަ އެ ބަޔަކު ޖޫރިމަނާކުރާނެ ކަމަށް ޝަތުފާ ވިދާޅުވިއެވެ. ގެތަކުން މަގުމައްޗަށް ފެންފައިބާ މައްސަލައިގައި ޖޫރިމަނާކުރަނީ 500 ރުފިޔާއިންނެވެ.

comment ކޮމެންޓް