ދަރިވަރުންގެ ޓެކްސްޓު ފޮތްތައް ބެހުން ދަނީ ކުރިއަށް: މިނިސްޓްރީ

30 މެއި 2024: ސްކޫލު ކުދިންނަށް ރިޕޯޓު ފޯމު ދިނުން -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ދިރާސީ އައު އަހަރުގެ ކިޔެވުމަށް، ސްކޫލްތަކުގެ ދަރިވަރުންގެ ޓެކްސްޓު ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ސްކޫލުގެ ކިޔެވުން ފެށެން ގާތްވަމުން އަންނައިރު، އަދި ވެސް ބައެއް ރަށްރަށަށް ޓެކްސްޓް ފޮތްތައް ނުލިބޭތީ ބައެއް ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއީ މޫސުން ގޯސް ދުވަސް ވަރަކަށްވުމާއެކު ތަކެތި އެއް ތަނުން އަނެއް ތަނަށް ފޮނުވުމުގައި ވެސް ލަސްތައް ދިމާވެދާނެތީ އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ސްކޫލް ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ބެހުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި ވަގުތަށް ހުރިހާ ސްކޫލުތަކަށް ފޮތްތައް ދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ވެސް، ބައެއް ސްކޫލްތަކަށް ޓެކްސްޓް ފޮތް ނުލިބުމަކީ މީގެ ކުރީން ވެސް ދިމާވެފައިވާ މައްސަލައެކެވެ.

އަދި ކިޔެވުން ފެށޭއިރު، ބައެއް ސްކޫލްތަކަށް ޓީޗަރުން ހަމަނުވުމުގެ މައްސަލަ ވެސް މީގެ ކުރިން ދިމާވެފައިވެއެވެ. މި ފަދަ މައްސަލަތަކުގައި ބެލެނިވެރިން ނުރުހުންފާޅުކޮށް، މުޒާހަރާ ވެސް ކުރެއެވެ.

އާ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ މި ހިނގާ މެއި މަހުގެ 26ވަނަ ދުވަހެވެ.

comment ކޮމެންޓް