ތިން މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަނީ

މ. މެދުފުށި އައިލެންޑް ރިޒޯޓަށް ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯނި ގެއްލިގެން ހޯދަނީ-- ފޮޓޯ/ އެމްއެންޑީއެފް

ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ AAA-37 ނަމަކަށް ކިޔާ މުދާ އުފުލާ މި ދޯނި، ކ. ތިލަފުށިން ފުރާފައި ވަނީ އިއްޔެ ހެނދުނު 06:00 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯނީގެ ޚަބަރެއް ނުވެގެން އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް އިއްޔެ ހަވީރު 17:20 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި މިހާރު އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

މި ދުވަސްވަރު ކުރާ ވިއްސާރައާ ގުޅިގެން ކަނޑުތައް ގަދަވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ. އަދި، މިއީ ސްކޫލު ބަންދު ދުވަސްވަރަށް ވުމުން ގިނަ ބަޔަކު ދަތުރު ކުރާތީ، މެޓުން ނެރޭ އެލާޓުތަކަށް ސަމާލު ވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް