ޣައްޒާގެ 15،000 ކުޑަކުދިން މިހާތަނަށް ޝަހީދުކޮށްލައިފި: ރެޑް ކްރެސެންޓް

އިސްރާއީލުން ޣައްޒާގެ ނުސެއިރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި ޒަޚަމްވެފައިވާ ކުޑަކުއްޖެއް -- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 15،000އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް)އިން ހާމަކޮށްފިއެވެ.

ޕީއާރުސީއެސް އިން އެގޮތަށް ހާމަކޮށްފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އަލް ޖަޒީރާ ނޫހުން ރެޑް ކްރެސެންޓާއި ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް ޣައްޒާގައި 35،303 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 79,261 މީހަކު ޒަޚަމްކޮށްފައިވާއިރު، އިމާރާތްތަކުގެ ދަށުގައި ތާށިވުމުންނާއި އެހެނިހެން ސަބަބުތަކާހެދި ވީނުވީއެއް ނޭނގިވާ މީހުންގެ އަދަދު 10،000އަށް ވުރެ އިތުރެވެ.

މީގެ އިތުރުން އެ މުއްދަތުގައި މިހާތަނަށް ހުޅަނގު އައްސޭރިން 503 މީހަކު ޝަހީދުކޮށްފައިވާއިރު އޭގެ ތެރޭގައި 125 ކުޑަކުދިން ހިމެނެއެވެ.

އޮކްޓޯބަރު މަހުން ފެށިގެން، އެމެރިކާއާއި ޔޫރަޕްގެ ތާއީދާއެކު އިސްރާއީލުގެ އިސްތިއުމާރީ ސިފައިން އަންނަނީ ޣައްޒާއަށް މެދުކެނޑުމެއްނެތި ބޮމުގެ ހަމަލާތައް ދެމުންނެވެ.

އިސްރާއީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދަނީ ފަލަސްތީނުގެ ހޮސްޕިޓަލްތަކާއި މީހުން ދިރިއުޅޭ އިމާރާތްތަކާއި، ގެދޮރަށް ބޮން އަޅަމުންނެވެ. އަދި ޣައްޒާގެ އާންމުންނަށް ބޭނުންވާ ފެނާއި ކާބޯތަކެއްޗާއި ބޭހާއި ސިއްހީ އާލާތްތައް ޣައްޒާއަށް ވެއްދުން ވަނީ ހުއްޓުވައިފައެވެ.

comment ކޮމެންޓް