ސިއްހީ ފަރުވާދިނުމަށް ބޭނުންވާ ސާމާނު ޣައްޒާއަށް ނުލިބޭތާ 10 ދުވަސް

ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ހިފައިގެން ދަތުކުރާ ޓްރަކެއް. ފޮޓޯ/އިންގްލިޝް އަރަބިއާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަ ކުރަމުން އަންނައިރު، ޣައްޒާ ސަރަހައްދަށް ސިއްހީ ސާމާނު ނުލިބޭތާ 10 ދުވަސް ވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯގެ ތަރުޖަމާނު ތާރިގް ޖަސާވެރިޗް ވިދާޅުވި ގޮތުގައި ޣައްޒާއަށް ސިއްހީ ފަރުވާދޭ ސާމާނު އެންމެ ފަހުން ލިބުނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ.

މީގެ ހަތް މަސް ކުރިން ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ދިން ހަމަލާތަކާ ގުޅިގެން އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުންއަންނައިރު، މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލު ސިފައިން ވަނީ ރަފަހު ސިޓީއަށް ވަދެފައެވެ.

މިސްރާއި ޣައްޒާގުޅޭ ރަފަހް ސަރަހައްދީ ރޮނގު ބަންދުކޮށްފައިވާއިރު އެއީ ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދޭ މައިގަނޑު މަގެވެ.

ރަފަހް ހުރަސް ބަންދުކުރުމުން ޣައްޒާގައި ބަނޑުހައިހޫނުކަން އިތުރުވާނެ ކަމަށް އދ.އިން ބުނަމުން އައި ނަމަވެސް އިންސާނީ އެހީ ފޯރުކޮށްދޭ އިތުރު ދެ މަގު ކަމަށްވާ، ޣައްޒާއާއި އިސްރާއިލު ގުޅޭ ކަރީމް އަބޫ ސާލިމް އަދި އީރޫޒް ސަރަހައްދީ ރޮނގުވެސް އިސްރާއީލުން ވަނީ ބަންދުކޮށްފައެވެ.

ތާރިގް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ކްލިނިކްތަކާއި ހޮސްޕިޓަލްތައް ހިންގުމަށް ބޭނުންވާ ތެޔޮ ނުލިބުން ކަމަށެވެ. ޣައްޒާގެ ސިއްހީ މަރުކަޒުތައް ހިންގުމަށް މަހަކު 1.8 މިލިއަން ލީޓަރުގެ ތެޔޮ ބޭނުންވެއެވެ. ނަމަވެސް ބޯޑަރު ބަންދުކުރި ފަހުން ރަފަހްއަށް އެތެރެކޮށްފައި ވަނީ އެންމެ 159،000 ލީޓަރު ތެލެވެ.

ޣައްޒާގައި ހުރި 36 ހޮސްޕިޓަލްގެ ތެރެއިން މިހާރު ޚިދުމަތް ލިބެނީ އެންމެ 13 ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލްތަކުންވެސް ހުރިހާ ޚިދުމަތެއް ނުލިބެއެވެ. ހޮސްޕިޓަލްތައް އެހާ މަދުއިރު، ރަފަހްގައި ދޭ ހަމަލާތައް ވަރުގަދަކޮށް އިސްރާއީލުން އަންނަނީ އެތައް ބަޔަކު ޒަހަމްކުރަމުން ކަމަށް ތާރިގު ފާހަގަކުރެއްވިއެވެ.

ހަމާސް ނައްތައިލުމަށް ކަމަށްބުނެ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 35،300 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް